ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު މިއަދު ކުރައްވައިފި އެވެ.
ރައީސް ސޯލިހު އުފެއްދެވި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދާ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ބިލު އެންމެ ފުރަތަމަ ހުށަހެޅީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. އޭރު އެ ބިލުގައި ގާނޫނު އަސާސީއަށް ފުށުއަރާ ކިތަންމެ ކަމެއް ހިމެނޭ ކަމަށް ބުނެ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ބޭފުޅުންގެ އިތުރުން ގާނޫނީ ދާއިރާގެ ބައެއް އިސް ބޭފުޅުން ކަންބޮޑުވުންް ފާޅުކުރެއްވި އެވެ.
ރިޔާސީ ކޮމިޝަނަށް ލިބޭ ގާނޫނީ ބާރުގެ ތެރޭގައި އީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރުތައް ރިޔާސީ ކޮމިޝަންތަކަށް ލިބުމާއި، މީހުން ހާޒިރު ކުރުމާއި ބަޔާން ނެގުމާއި ބަލާ ފާސް ކުރުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އެނގުމުގެ ބާރު ވެސް އެ ކޮމިޝަނަށް ދޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ.