ހަބަރު

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް މުހިންމު އިސްލާހުތަކެއް

Jun 10, 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ދެ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުކަން ދިނުމުގެ ބިލަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މުހިންމު އިސްލާހުތަކެއް ހުށަހަޅުއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެއް ރިޔާސީ ކޮމިޝަނަކީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އެމަނިކުފާނު އުފެއްދެވި ކޮމިޝަނެކެވެ. އަނެއް ރިޔާސީ ކޮމިޝަނަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެމަނިކުފާނު އުފެއްދެވި ކޮމިޝަނެކެވެ.

ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލު މި މަޖިލީހަށް ވެސް ހުށަހެޅުއްވީ މިދިޔަ މަޖިލީހުގައި ވެސް ބިލު ހުށަހެޅުއްވި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

މިއަދު އެ ބިލުގެ ބަހުސް މަރުހަލާގައި ހިސާން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރުތައް ރިޔާސީ ކޮމިޝަންތަކަށް ލިބިދެވޭ އިރު އެ ބާރުތައް އެންމެ ފުރިހަމައަށް ބޭނުންކުރެވޭ ގޮތް ހަދައިދޭންޖެހޭ ކަމަށެވެ.

އެގޮތުން، ރިޔާސީ ކޮމިޝަންތައް އުވާލުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާއިރު، ކޮމިޝަނެއް އުވާލާއިރު، އެ ކޮމިޝަނަކުން ކޮށްފައިވާ މަސައްކަތުގެ ފުރިހަމަ ބޭނުން ހިފޭނެގޮތެއް ބިލުގައި ހިމަނަންޖެހޭކަމަށް ގާނޫނީ ވަކީލުކަންވެސް ކުރައްވައި ހިސާން ވިދާޅުވި އެވެ.

އަޅުގަނޑު ހުށަހަޅަން ކޮމިޝަންތައް އުވާލަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާއިރު އެ ކޮމިޝަންތަކުން އެހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ވާނެ ގޮތެއް މި ބިލުގައި ސާފުކޮށް އަޅުގަނޑުމެން ބަޔާން ކުރަން،" މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދާދިފަހުން އައްޔަނުކުރި ހިސާން ހުށަހެޅުއްވި އެވެ.

ހިސާން އިތުރަށް ވިދާޅުވި ގޮތުގައި، ކޮމިޝަންތައް އުވާލާއިރު އެ ކޮމިޝަންތަކުން ހޯދާފައި ހުންނަ މައުލޫމާތާއި ހެއްކާއި ގަރާނީ އަދި ނަގާފައިވާ ހެކިބަސް އެއީ ސައްހަ ތަކެތީގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ބިލުގައި ބަޔާން ކުރަން ޖެހޭ ކަމަށެވެ.

އަދި ކޮމިޝަނެއް އުވާލާއިރު އެ ކޮމިޝަންތަކުގެ ތެރެއިން ނުނިމި ހުރި މަސައްކަތްތައް ބަދަލުކުރާނެ މުއައްސަސާއެއް ކަނޑައަޅާފައި އޮންނަން ޖެހޭ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

އެ ބިލަށް ކަނޑައެޅިފައިވާ ހަތަރު ގަޑިއިރުގެ ބަހުސްގެ ތެރެއިން މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ގަޑިއިރުގެ ބަހުސްގެ ވަގުތެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ކޮމިޝަންތްކުގެ ބިލަށް ވޯޓަށް އަހަން އެކި ޖަލްސާތަކުގައި އެޖެންޑާ ކުރި ނަމަވެސް ގާނޫނީ ގޮތުން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާތީ ބިލަށް ވޯޓަށް އެހޭ ގޮތެއް ނުވި އެވެ. ރައްޔިތުން އެ ކަމެއްގެ މައްޗަށް އަމަލު ކުރުން ލާޒިމު ބިލުތަކަށް ވޯޓަށް އެހެން އޮންނަނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން މަޖިލީހުގައި ހާޒިރުވެ ތިއްބަވާނަމަ އެވެ.

އޭގެ ފަހުން ކޮމިޓީން ނިންމި ގޮތާ ހިލާފަށް ބިލުގައި ބައެއް ކަންކަން ހިމޭނެ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ހުށަހަޅުއްވާފައިވާ ކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން ވަނީ ބިލު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާފަ އެވެ. މަޖިލީހުގެ ރައީސް ކަމުގައި އެއިރު އިންނެވި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފަހުން ވަނީ ބިލަށް ފާޑުވިދާޅުވެ ވާހަކަފުޅު ވެސް ދައްކަވާފަ އެވެ.

އެންމެ ފުރަތަމަ ބިލު މަޖިލީހަށް ހުށަހެޅިއިރު، އެ ބިލުގައި ގާނޫނު އަސާސީއަށް ފުށުއަރާ ކިތަންމެ ކަމެއް ހިމެނޭ ކަމަށް ބުނެ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ބޭފުޅުންގެ އިތުރުން ގާނޫނީ ދާއިރާގެ ބައެއް އިސް ބޭފުޅުން ކަންބޮޑުވުންް ފާޅުކުރެއްވި އެވެ. ކޮމިޓީ މަރުހަލާއަށްފަހު މަޖިލީހުގެ ތަޅުމަށް ބޮލު ފޮނުއްވީ ބިލުގައި ކުރިން ކޮމިޝަންތަކަށް ދޭން ބުނާ ގިނަ ބާރުތަކެއް އުނި ކުރުމަށް ފަހު އެވެ.