އޭސީސީ

ނަހަމަ ގޮތުގައި ހޯދާ މުދާ ދައުލަތަށް ނަގާ ގޮތުގެ ނިޒާމު އޮތް ގޮތުގެ ދިރާސާ އާންމުކޮށްފި

Feb 16, 2023

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ދިރާސާ ނިންމައި ރިޕޯޓު އާންމުކޮށްފި އެވެ.

މި ދިރާސާ ކަރުދާސް އާންމުކޮށްދެއްވީ ރޭ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސް މަރިޔަމް މުނާ އެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބަލާފައިވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގައި އެކަށައެޅިފައިވާ ނިޒާމުތަކާއި ގާނޫނީ އޮނިގަނޑު އޮތް ގޮތާއި އެކަމުގައި ހުރި މައްސަލަތަކުގެ މައްޗަށެވެ.

މިގޮތުން މި ދިރާސާގެ މައިގަނޑު މަގުސަދަކީ ކުށްކުރުމުގެ ސަބަބުން ދައުލަތުން ގެއްލިގެންދާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން، އެ ނިޒާމުގެ އިންސްޓިޓިއުޝަނަލް ފްރޭމްވޯކް ނުވަތަ އިދާރީ އޮނިގަނޑާއި ގާނޫނީ އޮނިގަނޑު ނުވަތަ ލީގަލް ފްރޭމްވޯކް އޮތްގޮތް ދިރާސާކޮށް، މި ނިޒާމުގައި ހުރި މައިގަނޑު މައްސަލަތައް ދެނެގަނެ، އެފަދަ މައްސަލަތައް ހައްލުކުރުމަށް، އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ފެންނަ ކަންކަން ފާހަގަކޮށް އިރުޝާދާއި ލަފާދިނުމެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ ޑޮކްޓްރިނަލް ލީގަލް ރިސާޗް މެތަޑެވެ. އެގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ ގާނޫނީ ނިޒާމު ރާއްޖޭގައި އޮންނަ ގޮތް ދެނެގަތުމަށް، ކަމާގުޅުންހުރި ގާނޫނީ ލިޔެކިޔުން ދިރާސާކޮށްފައިވެ އެވެ.

މި ދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނުގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނީ، ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ގާނޫނަކުން ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ ކަމުގައި ފާހަގަވެފައިވެ އެވެ. ނަމަވެސް މިވަގުތު ކޮރަޕްޝަންގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ގާނޫނެއްގައި ސާފުކޮށް ކަނޑައަޅާފައި ނުވާކަން ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ. އަދި ހަމައެހެންމެ އެސެޓް ރިކަވާ ކުރުމަށް ވަށާޖެހޭ ގާނޫނެއް ނެތުމުން ދިމާވާ ގޮންޖެހުންތައް ވެސް ފާހަގަކޮށްފައިވެ އެވެ.

"އެހެންކަމުން ދިރާސާއިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް ނިޒާމަށް ގެންނަން ފެންނަ މައިގަނޑު އަށް ލަފާ މި ދިރާސާ ކަރުދާހުގައި ހުށަހަޅާފައިވާނެ،" އޭސީސީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ދިރާސާ ރިޕޯޓާ ގުޅޭގޮތުން އޭސީސީ އިން ބުނެފައިވެ އެވެ.