ހަބަރު

ނިއުޒިލެންޑުގެ ޝަރަފުވެރި އެވޯޑެއް ދިވެހި ޒުވާނަކަށް

މުޖުތަމައަށް ހިދުމަތްކުރާ މީހުންގެ އަގު ވަޒަންކޮށް ނިއުޒިލެންޑު ސަރުކާރުން ދޭ "ގުޑް ސިޓިޒަންޝިޕް އެވޯޑު" ދިވެހި ޒުވާނަކަށް ލިބިއްޖެ އެވެ. މި ޝަރަފުވެރި އެވޯޑު ލިބިފައިވަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން ނައުޝީން ޖަނާހު އަށެވެ.

ނިއުޒިލެންޑުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޯކްލޭންޑު ކައުންސިލުން އެކުލަވާލާ މިނިވަން ޕެނަލްއަކުން ހޮވާ ފަރާތަކަށް ދޭ އެ އެވޯޑް ނައުޝީން އަށް ލިބުނީ މުޖުތަމަ އަށް އޭނާ ކޮށްދެމުންދާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އޯކްލޭންޑު ކައުންސިލް ތަމްސީލްކުރާ ކަލެކްޓިވްގެ ރައީސާއެއްގެ ގޮތުން ނައުޝީން ދަނީ ޒުވާނުންގެ އަޑު ކައުންސިލްގައި އުފުލުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ޔުނިވާސިޓީ އޮފް އޯކްލޭންޑުގައި އެލްއެލްބީ އޮނާ ބީއޭ، ޑަބަލް މޭޖާ އިން ޕޮލިޓިކްސް، އިންޓަނޭޝަނަލް ރިލޭޝަންސް އަދި ހިސްޓްރީގެ ރޮންގުން މަތީ ތައުލީމް ހާސިލް ކުރަމުން ގެންދާ ނައުޝީން މުޖުތަމައަށް ހިދުމަތް ކުރަނީ ހުސް ވަގުތުތައް ހޯދައިގެންނެވެ. އަދި އެ ޔުނިވާސިޓީގެ މޫތިން ސޮސައިޓީގެ ވައިސް ޕްރެސިޑެންޓުގެ މަގާމު ވެސް ފުރުއްވަމުންގެންދާ ނައުޝީން ދަނީ އަންނަ އަހަރު ޖަރުމަނުވިލާތާއި ފްރާންސް އަދި ސުވިޒަލޭންޑުގައި ބާއްވާ މޫތިން މުބާރާތުގައި ނިއުޒިލެންޑު ތަމްސީލް ކުރަން ތައްޔާރުވަމުންނެވެ.

ޖަނާހުގެ ދޮށީ ދަރިކަނބަލުން ނޫރައިން

މީގެ އިތުރުން ނައުޝީން ދަނީ މި ޔުނިވާސިޓީގެ ލޯ ސްކޫލްގެ އަންހެން ދަރިވަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި އަމިއްލައަށް އިސް ނަގައިގެން "ވުމެން އިން ލޯ" ގެ ނަމުގައި މި އަހަރު އަމިއްލަ ޖަމިއްޔާއެއް ވެސް އުފައްދާފަ އެވެ.

ޖަނާހުގެ ދަރިކަނބަލުން ނައުޝީންއަށް "ގުޑް ސިޓިޒަންޝިން އެވޯޑު" ލިބުނުއިރު ޖަނާހުގެ ދަރިކަނބަލެއް ކަމަށްވާ އައިޝާ ނޫރައިން ޖަނާހު އަށް ވެސް 2015 ވަނަ އަހަރު މި އެވޯޑު ލިބިފައިވެ އެވެ. އަދި އޭނާ ވަނީ ނިއުޒިލެންޑްގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.