ދުނިޔެ

ނޭޕާލަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް

ނޭޕާލަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެގައުމުން މަރުވި މީހުންގެ އަދަދު 108 އަށް އަރައިފި އެވެ.

މެގްނެޓިއުޑް 7.9 ގެ ބާރު މިނުގައި މި ބިންހެލުމެއް ނޭޕާލަށް އައިސްފައި ވަނީ ރާއްޖެ ގަޑިން މިއަދު 11؛10އެއްހާ އިރު އެވެ. ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއާ ކައިރި ހިސާބަކަށް އައި މި ބިންހެލުމުގެ އަސަރު ޕާކިސްތާނާއި ބަންގްލާދޭޝް އަދި އިންޑިއާ އަށް ވެސް ކޮށްފައިވެ އެވެ.

އިންޑިއާ އަށް ބިންހެލުމުގެ އަސަރުކޮށް ލިބުނު ގެއްލުންތަކުން މަދުވެގެން 11 މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓް ވެސް ލިބެ އެވެ.

ބިން ހެލުން އައި ޕޮކާރާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ކަތަމަންޑޫގައި ވެސް އިމާރާތްތައް ވެއްޓި ގެއްލުންތައް ލިބިފައިވެ އެވެ.

މައުންޓް އެވަރެސްޓްގައި ކޭމްޕް ޖަހައިގެން ތިބި މީހުންނަށް ވެސް ބިންހެލުމުގެ އަސަރުކޮށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓްތައް ލިބެ އެވެ. މީގެ އިތުރުން އެވަރެސްޓުގައި ކޭމްޕްޖަހައިގެން ތިބި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ވެސް ލިބެ އެވެ.

މި ބިންހެލުމާ ގުޅިގެން ނޭޕާލަށް އެހީވާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިންޑިއާގެ ރައީސް ނަރެންދުރާ މޯދީ އާއި ޕާކިސްތާނުގެ ވެރިން ވެސް ވަނީ ކުއްލި ބައްދަލުވުންތަކެއް ކުރިއަށް ގެންދަވައިފަ އެވެ.

މި ބިންހެލުމަކީ ނޭޕާލަށް 1934 ވަނަ އަހަރު ކުރިމަތިވި ގެއްލުންބޮޑު ބިންހެލުމަށް ފަހު އެގައުމަށް އައި މިފަދަ އެންމެ ބާރުގަދަ އަދި ގެއްލުން ބޮޑު ބިންހެލުމެވެ.