ހަބަރު

އެސްޓީއޯއިން މުވައްޒަފުންގެ އެލަވަންސްތައް ކުޑަކުރަނީ

Oct 15, 2017
34

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ، އެ ކުންފުނީގެ މުވައްޒަފުންގެ އެލަވަންސްތައް މުރާޖައާކޮށް އެ އެލަވަންސްތައް ކުޑަކުރަން އެ ކުންފުނިން މަސައްކަތް ފަށައިފި އެވެ.

"އަވަސް"އާ ވާހަކަދެއްކި އެސްޓީއޯގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި، އިތުރު މަސައްކަތުގެ ވަގުތު ލިމިޓްކޮށް ބައެއް އެލަވަންސްތައް އެކީ ކަނޑާލާނެ ކަން ސެކްޝަންތަކުގެ އިސްވެރިން މިހާރު ވަނީ އާންމު މުވައްޒަފުންނަށް އަންގަން ފަށައިފަ އެވެ. އެގޮތުން ޓައިމް އެލަވަންސާއި ފުޑް އެންޑް ހާޑްޝިޕް އެލަވަންސް އަދި ޕްރޮފެޝަނަލް އެލަވަންސްގެ ނަމުގައި މިހާރު ދެމުން އަންނަ އެލަވަންސްތައް އެކީ ކަނޑާލާނެ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށް ވެސް މުވައްޒަފުން ބުންޏެވެ.

އެސްޓީއޯގައި 1،000 ގާތްކުރާ އަދަދަކަށް ދިވެހި މުވައްޒަފުން އެބަތިއްބެވެ. މުވައްޒަފުން ބުނި ގޮތުގައި އަސާސީ މުސާރަ ކުޑަނުކުރި ނަމަވެސް އެލަވަންސްތައް ލިބޭ އަދަދު ކުޑަކޮށްފި ނަމަ އެމީހުންގެ މުސާރައިން 1،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކެނޑިގެން ދާނެ ކަމަށް މުވައްޒަފުން ލަފާކުރެ އެވެ.

"އަޅުގަނޑުމެންގެ ހެޑުން އަޅުގަނޑުމެން ކައިރީގައި ބުނެފައި އޮތީ އެލަވަންސްތަކުން ބޮޑު އަދަދެއް ކެނޑޭނޭ ނޫނީ ކުޑަވާނޭ. އަސްލު އަސާސީ މުސާރަ އިންނަނީ ވަރަށް ކުޑަކޮށް. މިހެން އިންދާ އެލަވަންސްތައް ކުޑަކޮށްލީމާ ވަރަށް ބޮޑު އެއްޗެއް ނިސްބަތުން ކެނޑޭނެ. މާލޭގައި މިހެން ކުއްޔަށް އުޅޭ އިރު ކުއްލިއަކަށް އެވަރު ބަދަލެއް އައިމާ ވަރަށް ދަތިވާނެ،" އެސްޓީއޯގެ މުވައްޒަފަކު ނަން ނުޖަހާ ގޮތަށް ޝަކުވާކުރި އެވެ.

އެނގިފައިވާ ގޮތުގައި މުވައްޒަފުންގެ އެލަވަންސްތަކަށް އަންނަ ބަދަލުތައް އާންމުކޮށް އިއުލާން ކުރާނީ އަންނަ މަހުގެ ތެރޭގަ އެވެ. އެސްޓީއޯގެ ބައެއް ސީނިއާ މުވައްޒަފުން ނަން ނުޖަހާ ގޮތަށް ބުނި ގޮތުގައި، އެސްޓީއޯގެ ރިކަރަންޓް ހަރަދުކުޑަކުރުމަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށް ބުނެ މި މަހުގެ ހަތަރު ވަނަ ދުވަހު އެސްޓީއޯގެ އެމްޑީ އަހުމަދު ޝަހީރު ސޮއި ކުރައްވާ ވަނީ މެމޯއެއް ނެރެފަ އެވެ. އެ މެމޯގައިވާ ކަމަށް ބައެއް މުވައްޒަފުން ބުނީ، މުސާރަ ކުޑަކުރުމާއި މުވައްޒަފުން މިހާރު ތިބި ޑިޕާޓްމަންޓް ނޫން އެހެން ތަންތަނަށް މީހުން ބަދަލު ކުރަން ޖެހިދާނެ ކަމަށް ވެސް މެމޯގައި ވަނީ ބުނެފަ އެވެ.

"ކުންފުނީގެ ހަރަދުތައް ކުޑަކުރަން ރިސްޓްރަކްޗަރިން މަސައްކަތް ކުރާ ވާހަކަ އެމްޑީ ވަނީ އަންގަވާފައި. އެގޮތުން މިހާރު ހުރި ޑިޕާޓްމަންޓްތައް ކުޑަކޮށްލުމާއި މިހެން ގޮސް އެލަވަންސްތަކަށް ބަދަލު ގެނައުން، މުވައްޒަފުން ޑިޕާޓްމަންޓްތަކަށް ޝަފުލްކުރުން މިކަހަލަ ބަދަލުތައް ގެންނަވާހަކަ އޮތީ އަންގާފައި،" އެސްޓީއޯގެ ސީނިއާ މުވައްޒަފަކު ބުންޏެވެ.

މުވައްޒަފުންގެ އެލަވަންސްތަކަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެސްޓީއޯގެ އެމްޑީ އަހުމަދު ޝަހީރަށް ގުޅުމުން ވިދާޅުވީ، އެސްޓީއޯގެ މަސައްކަތުގެ ވަގުތަށް ބައެއް ބަދަލުތައް ގެންނަން މެނޭޖްމަންޓުން ނިންމާ އެކަން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ މައުލޫމާތު ދޭނީ ލިޔުމުން ހުރިހާ މީޑިއާތަކަށް އެކީގައި ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެލަވަންސްތަކަށް ބަދަލު ގެންނަ ކަމަށް މުވައްޒަފުން ބުނާ ވާހަކަ އޭނާ ދޮގެއް ނުކުރެއްވި އެވެ.

އެސްޓީއޯގެ ހަރަދު ކުޑަކުރަން އަމާޒުހިފި އިރު، މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ވަނީ 61 މިލިއަން ރުފިޔާގެ ފައިދާއެއް ވެފަ އެވެ. އަދި ދެވަނަ ކުއާޓާގައި 55 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ. އެސްޓީއޯގެ ދަށުން ހިންގާ އެހެން ކުންފުނިތަކުގެ މުވައްޒަފުންގެ އެލަވަސްތަކަށް ވެސް މި ބަދަލުތައް ގެންނަން އަންގާފައިވާ ކަމަށް ވެސްވެ އެވެ. އެކަމަކު އެކަން ޔަގީން ކުރެވޭ ގޮތެއް ނުވި އެވެ.