ހަބަރު

އައްޑުއަށް ގެންދިޔަ ގިނަ އަދަދެއްގެ ޕާޓީ ޑްރަގުސް އަތުލައިފި

Oct 16, 2017

ޕޯސްޓު މެދުވެރިކޮށް އައްޑޫ ސިޓީއަށް ގެންދިޔަ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ޕޯސްޓުގެ ޒަރީއާއިން އައްޑޫއަށް ގެންދިޔަ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ގަތީ އިއްޔެ އައްޑު އަތޮޅު ގަމުގެ ކަސްޓަމްސް އިން ކަމަށާއި އެއީ ޕޯސްޓުގެ މަގުން ނެދަލޭންޑްސް އިން ރާއްޖެއަށް ގެނައި ޕާރުސަލެއް ކަމަށެވެ. އަދި ބުނީ އޭގެ ވެރިފަރާތުގެ ހާޒިރުގައި ކަސްޓްމްސް އިން އެ ޕާރުސަލް ކެނޑިއިރު މަސްތުވާތަކެއްޗައް ޝައްކުކުރެވޭ ގުޅަތަކެއް ފެނުނު ކަމަށެވެ.

އަދި އެތަކެތީގެ ޕްރިލިމިނަރީ ޓެސްޓްތައް ހެދިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެކްސްޓަސީއަށް ވަނީ ޕޮސިޓިވްވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ތަފާތު ފަސް ޑިޒއިނަކަށް ހުރި 503.5 ގުޅަ ކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 244.60 ގުރާމު ހުއްޓެވެ.

ކަސްޓަމްސް އިން މިއަތުލައިގަތް ބާވަތުގެ މަސްތުވާތަކެއްޗަކީ ޕާޓީ ޑްރަގްސްގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ބެލެވެއެވެ.

މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ޕާރުސަލުގެ ވެރިފަރާތް، މިމައްސަލަ އިތުރަށް ތަހުޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ވަނީ ހަވާލުކޮށްފި އެވެ.

މި ތަކެތި އަތުލައިގަތް އިރު ޕާޓީ ޑްރަގްސް ބޭނުންކޮށްގެން ދެ ޒުވާނަކު މަރުވި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.