އެމްޑީޕީ

ރާއްޖެ ޓީވީއަށް އެހީވާން އެމްޑީޕީ އެދިއްޖެ

Oct 19, 2017
6

ޖޫރިމަނާ ކުރަމުން ގެންދާތީ ފައިސާ ހޯދަން ރާއްޖެ ޓީވީން "އަބުރު ފަންޑު" ގެ ނަމުހައި ކުރިއަށް ގެންދާ ފަންޑަށް އެހީވުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން ބުނީ ސަރުކާރުގެ ކަންކަމާމެދު ހަބަރުތައް ދުރާއި ގާތުން އާންމުކޮށް ފޯރުކޮށްދިނުމަކީ ޚަބަރުފަތުރާ ފަރާތްތަކުގެ ޒިންމާއެއް ކަމަށާއި އެކަމާ ގުޅިގެން މާލީ ބޮޑެތި އަދަބުތައް ދިނުމަކީ ދަށުދަރަޖައިގެ ޢަމަލެއް ކަމަށާއި ރާއްޖެ ޓީވީއަށް ފިޔަވަޅު އެޅުމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ނޭއްގާނީ އަމަލަކީ އެ ކޮމިޝަނުގެ މުސްތަޤިއްލުކަން ގެއްލިފައިވާ މިންވަރު ދައްކައިދޭ ކަމެއް ކަމަށެވެ.

"ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އަށް މާލީ ގޮތުން އަދަބުދީފައިވާ ތިން ފަހަރުވެސް އަދަބު ދީފައިވަނީ އެއްވެސް ރައްޔިތެއްގެ އަބުރާ ބެހުމުގެ ސަބަބުން ނޫންކަމަށާއި އެއީ ހަމައެކަނި ސަރުކާރާއި ޢަބްދުﷲ ޔާމީނަށް ފާޑުކިޔާފައިވާ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުންކަން ވެސް ރަނގަޅަށް އެނގެއެވެ. ސަރުކާރަށާއި ދައުލަތުގެ ބޮޑުންނަށް ފާޑު ކިޔުމަކީ ޑިމޮކްރެޓިކް ގައުމުތަކުގެ މައިގަނޑު އަސާސެއްކަމަށްވާއިރު އެގޮތަށް ފާޑުކިޔުމުން އަދަބުދެވެނީ ހަމައެކަނި ދުނިޔެއަށް މަޝްހޫރު ޚުދުމުހުތާރު ޤައުމުތަކުގައި އެކަންޏެެވެ. މިފަދަ ކަންކަމުގެ ސަބަބުން ރާއްޖެ ޓީވީ އާއި ސަރުކާރާ ވާދަވެރި ޚާބަރުތައް ގެނެސްދޭ ފަރާތްތައް ނެތިގޮސްދާނެ ކަމުގެ ބިރު މިހާރު މިވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.