ހެޕީ މާކެޓް

ހެޕީ މާކެޓަށް 25 އަހަރު، 5 ވަނަ ފިހާރަ ހުޅުވައިފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އިމްޕޯޓްކޮށް ވިއްކާ 'ހެޕީ މާކެޓް' ގްރޫޕަށް 25 އަހަރު ފުރުން ފާހަގަކޮށް، އެ ކުންފުނީގެ ފަސް ވަނަ އައުޓްލެޓް މިއަދު ހުޅުވައިފި އެވެ.

އަމީރު އަހުމަދު މަގުގައި ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގެ ކުރިމައްޗަށް ވާ ގޮތަށް ހުންނަ އެ ފިހާރަ ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ހަފުލާއެއްގައި ހެޕީމާކެޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު(ސީއީއޯ) އަލީ އިހުސާނެވެ.

މިއަދު ހުޅުވި ފިހާރަޔާ ބެހޭ ގޮތުން އިހުސާން ވިދާޅުވީ އެތަނަކީ ހެޕީ މާކެޓުން ވިއްކާ އުފެއްދުންތައް ރަހަ ބަލައިލާ އެތަކެތި ކައިރިން ތަޖުރިބާ ކޮށްލާނެ މާހައުލެއް ކަސްޓަމަރުންނަށް ހޯދައި ދިނުމަށް ހުޅުވި ފިހާރައެއް ކަމަށެވެ.

" .. މަގުސަދަކީ މީހުން އައިސް ރަހަ ބަލައިލާ އެއްޗިހިތައް ވަރަށް ކައިރިން ފެނިލާނެ މާހައުލެއް ގާއިމްކޮށްދިނުން. އެގޮތުން އަޅުގަނޑުމެން ޝޯރޫމެއް ގޮތަށް ހެޕީ މާކެޓް ހުޅުވައި މިލަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ކާބޯތަކެތީގެ ސިނާއަތުގައި 25 އަހަރު ހެޕީ މާކެޓުން ވޭތުކުރި އިރު ކަސްޓަމަރުން ގަޔާވާ ފަދަ ކާބޯތަކެތި އެތެރެކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިން ބަލަނީ އެންމެ ފެންވަރު ރަނގަޅު ތަކެތި ލިބޭ ގައުމަކަށް ރާއްޖެ ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަފްލާގެ ފޮޓޯތައް -- އަވަސް ފޮޓޯ | ޔޫސުފް ރިޒާ

" ...އަޅުގަނޑުމެންގެ މީޓް ޕްރޮޑަކްޓްސް މިއަންނަނީ އާއްމުކޮށް ބްރެޒިލްގެ ސިއަރާ ކުންފުނިން. ދެން އޭގެ އިތުރުން ޕާސްތާ ކަހަލަ އެއްޗެހި އޮސްޓްރޭލިއާއިން އަޅުގަނޑުމެން ގެންނަން. ދެން ޑެއިރީ ޕްރޮޑަކްޓްތައް ޖާމަނީ ޕޮލެންޑް ހިސާބުން އަޅުގަނޑުމެން އެބަ ގެންނަން. ދެން އައިސް ބާސްމަތީ ރައިސް އިންްޑިއާ ކަހަލަ ގައުމުތަކުން އެބަ ގެންނަން،" އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހެޕީމާކެޓްގެ ވިޔަފާރި ރާއްޖޭގެ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ފުޅާ ކުރަން އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އައްޑޫސިޓީގައި މިހާރު ވެސް އައުޓްލެޓެއް ހުޅުވާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ