ކުޅުދުއްފުށި

ބޮޑު މަށި ކުޅި ހިއްކުމާ ދެކޮޅު އަޑު ގަދަ!

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް ހަދަން އެ ރަށުގެ މަށި ކުޅި ހިއްކަން ސަރުކާރުން ނިންމައި، އެކަމުގެ މަސައްކަތްތައް ފެށުމުން ޒުވާނުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ. ކުޅުދުއްފުށީގައި ހަދަން މި ސަރުކާރުން ވައުދުވެފައިވާ އެއާޕޯޓަށް އެ ރަށުގެ ކުޅި ހިއްކުމަށް މިހާރު ވަނީ އީއައިއޭ ރިޕޯޓް ވެސް ހަދާފަ އެވެ.

ކުޅުދުއްފުށީ ކުޅިއަކީ މުޅި ރާއްޖޭގައި ވެސް އޮތް އެންމެ ބޮޑު އެއް މަށި ކުޅިއެކެވެ. އެ ކުޅި ސަރަހައްދުގައި ނެތިދާނެ ކަމުގެ ބިރުހީވެފައިވާ ގިނަ ވައްތަރުގެ ކަނޑޫފާ ގަސްތައް ވެސް ހެދެ އެވެ. އަދި މޫސުމީ ގިނަ ދޫނިތައް ވެސް އެ ކުޅިއަށް ޒިޔާރަތްކުރެ އެވެ.

ތިމާވެއްޓަށް ލޯބިކުރާ ކުޅުދުއްފުށީ ޒުވާނަކު ބުނީ، އެހާ ބޮޑު ތަރިކައެއް ނައްތާލުމަށްފަހު ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ ރުހޭ ކަމެއް ނޫން ކަމަށެވެ. ކުޅުދުއްފުށީ ކުޅިއަކީ ރަށާ ވަރަށް ބޮޑަށް ގުޅިފައިވާ ކުޅިއެއްކަން ފާހަގަ ކުރަމުން އޭނާ ބުނީ، އެ ކުޅި ނައްތާލުމުން ތިމާވެށީގެ ގޮތުން ރަށަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށެެވ.

ކުޅުދުއްފުށީ ކުޅިއަކީ ރަށަށް ލިބޭ ވަރަށް ހިމާޔަތެއް ކަމަށް އެ ރަށުގެ ޒުވާނުން ބުންޏެވެ. އެގޮތުން ރަށަށް ވެހޭ ފެން އެ ކުޅިއަށް ޖަމާވެ އެވެ. އަދި ސުނާމީ ފަދަ ގުދުރަތީ ހާދިސާތަކުގައި ވެސް ކުޅިއަކީ ރަށް ރައްކާތެރިކޮށްދޭ ތަނެކެވެ.

"އެފަދަ ބޮޑު ގުދުރަތީ ނިއުމަތެއް ގުރުބާންކޮށް އެއާޕޯޓެއް އެޅުމަކީ ރަށަށް ލިބޭ ކުރިއެރުމެއް ނޫން، އެއީ ރަށަށް ލިބޭ ގެއްލުމެއް، ތިމާވެއްޓަށާއި އަހަރެންމެންގެ ސަގާފަތަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް،" އެ ރަށުގެ ޒުވާނަކު ބުންޏެވެ.

ކުޅި ހިއްކުމާ ދެކޮޅަށް ޒުވާނުންތަކެއް ސޯޝަލް މީޑިއާގައި ވަނީ ކެމްޕެއިނެއް ވެސް ފަށާފަ އެވެ. އެ ކެމްޕެއިނުގައި އެ ކުޅީގެ ތަފާތު ސިފަތަކާއި އެ ތަނުން ފެންނަން ހުރި ތަފާތު ކަންކަން ދަނީ ހިއްސާކުރަމުންނެވެ. އަދި އެފަދަ އަގުހުރި ތަނެއް ނައްތާލައިގެން ނުވާނެ ކަމަށް ދަނީ އަޑު އުފުލަމުންނެވެ.

ކުޅުދުއްފުށީ ކުޅިއަކީ އެ ރަށު ސަގާފަތާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. މީގެ ކުރިން ވެސް އެ ކުޅީގެ ބައެއް ހިއްކާފައިވެ އެވެ. އެއާޕޯޓް އެޅުމަށް ހިއްކަން ނިންމާފައިވަނީ ކުޅީގެ ކިހާ ސަރަހައްދެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އެ ރަށު ކައުންސިލުން ވަނީ ކުޅުދުއްފުށީގައި މަޝްހޫރު މަސައްކަތެއް ކަމަށްވާ ރޯނު ވެށުމަށް ބޮނބި ފާކުރާ އޮޅުތައް ނެގުމަށް އަންގާފަ އެވެ.

ކުޅީގައި ގިނަ ބައެއްގެ ބޮނބި އޮޅުތައް ހުރިއިރު އެ އޮޅުތައް ނަގަން އެންގުމުން ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ކަންބޮޑުވުން ފާޅުކުރާ މީހުން ބުނާ ގޮތުގައި އެ އަތޮޅު ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮއްވައި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ މުހިންމު ކަމެއް ނޫން ކަމަށެވެ. އަދި އެ އެއާޕޯޓް އަޅަން ނިންމާފައިވާ ގޮތަކީ ކުރި މަގަށް ވިސްނާއިރު އެންމެ ފައިދާ ހުރި ކަމެއް ވެސް ނޫން ކަމަށް އެމީހުން ބުނެ އެވެ.

"ކުޅުދުއްފުށީގައި އެއާޕޯޓް މި އަޅަނީ ހަމަ ނަމަކަށް، މުސްތަގުބަލަށް ވިސްނާނަމަ ބޭނުން ވަނީ ބޮޑެތި ބޯޓްފަހަރު ޖެއްސޭވަރުގެ ރަންވޭއެއް، އެ ވަރުގެ ރަންވޭއެއް އެޅޭކަށް ނެތް، އެހެން ކަމަށްވާނަމަ ރަށުގެ އެންމެ ބޮޑު އެސެޓް ދުއްވާލާފަ މި އެއާޕޯޓެއް އަޅާކަށް ނުފެނޭ،" ކަންބޮޑުވުން ފާޅުކުރާ މީހަކު ބުންޏެވެ.

ކުޅުދުއްފުށީގެ ކުޅި ހިއްކުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީއިން އަލަށް ބަނދެގެން ގެންނަ ކޮންނަ ބޯޓް، މަހާ ޖައްރާފުންނެވެ. އެ ބޯޓު މި މަހުގެ 30 ވަނަ ދުވަހު އެ ރަށަށް ދާނެ ކަމަށްވެ އެވެ.