ބޮލީވުޑް

ކާޖޮލް އާއި ކަރަން ސުލްހަވެ، ޝާހްރުކާއި ކާޖޮލްގެ ފިލްމެއް

Oct 24, 2017

ބަތަލާ ކާޖޮލް އާއި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރަކީ ޒަމާންވީ ގާތް ދެ އެކުވެރިންނެވެ. ކާޖޮލް ބޮލީވުޑަށް ނިކުތުމުގެ ކުރިން ވެސް ގާތް އެކުވެރިންގެ ގޮތުގައި ތިބި މި ދެ އެކުވެރިންގެ މެދުގައި މައްސަލަޖެހި ދެމީހުންގެ މޫނު ކެނޑުނީ ކަރަން އާއި ކާޖޮލްގެ ފިރިމީހާ އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒްކޮށް، ކުރިމަތިލުމަކަށް ދިއުމުންނެވެ.

އަޖޭގެ ފިލްމުގެ ވިޔަފާރި ދަށްވާނެހެން ފިލްމުގެ ގޯސް ވާހަކަ ދައްކަން ކަރަން ކްރިޓިކް ކަމަލް ޚާނަށް ލާރި ދިން ކަމަށް ބުނެ ކުރި ޓްވީޓްތަކަކާ ގުޅިގެން ކާޖޮލް އާއި ކަރަންގެ އެކުވެރިކަން ނިމުމަކަށް އައިސް އެ ދެމީހުން ވާހަކަނުދައްކާ ތިބޭތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވެއްޖެ އެވެ.

ކަރަން އާއި އަޖޭގެ ކުރިމަތިލުމުގައި ފިރިމީހާގެކޮޅު ނަގައިގެން ކަރަން އާއެކު އޮތް އެކުވެރިކަން ނިމުމަކަށް ގެނެސްގެން އިން ކާޖޮލް އާއި ކަރަންގެ އެކުވެރިން އަލުން ބަދަހިވުމުގެ ކޮޅުމަތި ފެންނަން ފެށީ މި އަހަރުގެ ކުރީކޮޅު ކަރަންއަށް އެއްމާބަނޑު ދެ ކުދިން ލިބުމުގެ އުފާވެރި ހަބަރު އޭނާ ކާޖޮލް އާ ހިއްސާކުރި ހިސާބުންނެވެ.

އޭގެ ފަހުން ކާޖޮލްގެ އުފަންދުވަސް ފާހަގަކުރުމަށް އާއިލާގެ މެމްބަރުންނާއެކު ބޭއްވި މެންދުރުގެ ކެއުމުގެ ހަފްލާ އަށް ކަރަން އަށް ދައުވަތުދީ އެ ދެ އެކުވެރިން ވަނީ މަޒީގައި އެމީހުންގެ މެދުގައި ޖެހުނު ލައްގަނޑުގެ މަތިން ހަނދާން ނައްތާލާފަ އެވެ.

ކާޖޮލް އާއި ކަރަންގެ މެދުގައި އަލުން އެކުވެރިވެ އޮތް ގުޅުން ކުރިއެކޭ އެއްގޮތަށް ބަދަހިވެފައިވާއިރު، ކަރަން އުފައްދާ ފިލްމެއް ކުޅެން ކާޖޮލް ވަނީ ނިންމާފަ އެވެ. އެ ފިލްމުގައި ފެނިގެންދާނީ ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑު ކަމަށްވާ ކާޖޮލް އާއި ޝާހްރުކް ޚާން އެވެ.

ކަރަން މީގެކުރިން އުފެއްދި ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިވާ ޝާހްރުކާއި ކާޖޮލް، ކަރަން ދެން އުފައްދާ ފިލްމެއްގެ ލީޑްރޯލުން ފެނިގެންދާނެކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

އެ ފިލްމުގައި މި ދެތަރިން ފެނިގެންދާނަމަ މިއީ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އެމީހުން ކުޅޭ ކަރަންގެ ފުރަތަމަ ފިލްމެވެ. ޝާހްރުކާއި ކާޖޮލް ވަނީ ކަރަން އުފެއްދި އެންމެ މަގުބޫލު ފިލްމުތައް ކަމަށްވާ "ކުޗްކުޗް ހޯތާހޭ" އާއި "ކަބީ ހުޝީ ކަބީ ޣަމް" އަދި "މައި ނޭމް އިޒް ޚާން" ކުޅެފަ އެވެ.

ހަބަރުތައް ބުނާގޮތުން މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަޔާން މުކަރްޖީ ޑައިރެކްޓްކޮށް، ކަރަން ޕްރޮޑިއުސްކުރާ "ބްރަހްމަސްތްރް" ގެ ޝޫޓިން ނިމުމުންނެވެ. ކާޖޮލް އާއި ޝާހްރުކާ އެކު ކަރަންގެ އާ ފިލްމުގައި ރަންބީރު ކަޕޫރާއި އާލިއާ ބަޓް ވެސް ފެނިގެންދާނެ ކަމަށްވެ އެވެ.

ޝާހްރުކާއި ކާޖޮލްގެ އެކުގައި އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނިކުތް ރޯހިތު ޝެޓީގެ "ދިލްވާލޭ" އިންނެވެ.