އިޒްރޭލް

އިޒްރޭލުގެ ބޮޑުވަޒީރަށް ކޮރަޕްޝަންގެ ދައުވާ ނުކުރެވޭ ގޮތަށް ގާނޫނު ފާސް ކުރަނީ

Oct 24, 2017
3

އިޒްރޭލްގެ ބޮޑުވަޒީރުކަން ކުރަމުންދާ ދައުރުގައި ބޮޑުވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ނުކުރެވޭ ގޮތަށް ގާނޫނެއް ފާސް ކުރަން މިހާރުގެ ބޮޑުވަޒީރު ނަތަން ޔާހޫގެ ލިކޫޑް ޕާޓީން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކެނެސެޓްއަށް ބިލެއް ވައްދައިފި އެވެ.

ލިކޫޑް ޕާޓީން މިދިޔަ އަހަރުގެ އޮގަސްޓް މަހު ވެއްދި ބިލުގައިވާ ގޮތުން އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ރިޝްވަތު ހިފުމާއި ކޮރަޕްޝަންގެ އެއްވެސް ދައުވާއެއް އެ މެމްބަރަކު މަޖިލީހުގެ ދައުރު ފުރިހަމަ ކުރަމުންދާ މުއްދަތުގެ ތެރޭގައި ނުއުފުލޭނެ އެވެ.

އިޒުރޭލުގެ ވެރިކަން ބައްޓަންވެފައި އޮންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ކަމުން ބޮޑުވަޒީރަކީ މަޖިލީހަށް ނިސްބަތްވާ، އެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީގެ ނުވަތަ ކޯލިޝަންގެ ލީޑަރެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ގެ މައްޗަށް މިހާރު އުފުލާފައިވާ މައްސަލައަކީ އެނޮން މިލްޗަން ނަމަކަށް ކިޔާ އެމެރިކާގެ މަހުޖަނެއްގެ އަތުން އަގު ބޮޑު ސުއްޓާ އާއި ރަލުގެ ބާވަތްތައް ހަދިޔާގެ ގޮތުގައި އެތަކެއް އަހަރެއް ވަންދެން ގަބޫލުފުޅު ކުރައްވާފައިވާ މައްސަލައެެވެ. މި ތަކެތީގެ އަގު އެތަކެއް ސަތޭކަ ހާސް އިޒުރޭލުގެ ރުފިޔާއަށް އަރަ އެވެ.

މި ތަކެއްޗަކީ ރިޝްވަތުގެ ގޮތުގައި ދެމުންދާ ތަކެތި ކަމަށް ބެލެވި މި މައްސަލައާއި ގުޅޭ ގޮތުން ދެ ފަހަރެއްގެ މަތިން ފުލުހުން ވަނީ ނަތަންޔާހޫއާ ސުވާލުކޮށްފަ އެވެ. ޖެރޫސަލަމްގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅުގައި ފުލުހުންގެ ތަހުގީގުގެ ފުރަތަމަ ބައްދަލުވުން ތިން ގަޑިއިރަށް ދެމިގެން ދިޔަ އެވެ. އަދި ދެވަނަ ބައްދަލުވުން ފަސް ގަޑިއިރަށް ދެމިގެން ދިޔަ އެވެ. މި ބައްދަލުވުމުގައި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެ ބޭފުޅާއަށް ހަދިޔާގެ ގޮތުގައި އެތަކެތި ލިބިވަޑައިގެންފައިވާ ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އެކަމަކު އެއީ ގާނޫނާއި އެއްގޮތަށް ލިބިވަޑައިގެންފައިވާ ތަކެތި ކަމަށް ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ކޮރަޕްޝަނާއި ރިޝްވަތުގެ ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ބިލެއް ސަރުކާރު ހިންގާ ޕާޓީން ހުށަހެޅީ ބޮޑުވަޒީރުގެ މައްޗަށް ކޮށްފައިވާ ހުރި ތުހުމަތުތައް ތަހުގީގުކޮށް މައްސަލަތައް ކުރިޔަށް ގެންދާތީ، އެ ތުހުމަތު ތަކުން ރެކިގަތުމުގެ ބޭނުމުގަ އާއި އެ ތުހުމަތު ތަކުން ބޮޑުވަޒީރު ސަލާމަތް ކުރުމުގެ ނިޔަތުގައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން މިދިޔަ އަހަރު އެ ބިލު މަޖިލީހަށް ފުރަތަމަ ވެއްދިއިރު ބިލުގައިވަނީ މެމްބަރުންނަށް ހާއްސަ އިމްތިޔާޒެއް ލިބިގެންދާނީ ހަ މަހަށް ވުރެ އިތުރު ނުވާ ޖަލުހުކުމް އަންނަ މައްސަލަތަކުގަ އެވެ. ނަމަވެސް ބޮޑުވަޒީރުގެ މައްޗަށް މިހާރު ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން ބިލު އަލުން ބަދަލުކޮށް އޭގައި ރިޝްވަތާއި ގުޅޭ މާއްދާއެއް ހިމަނާ އެފަދަ މައްސަލަތަކުގައި އިމްތިޔާޒު ލިބޭ ގޮތަށް އޮތް އޮތުން އެއީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެކެވެ.

ނަތަންޔާހޫ އާއި އެބޭފުޅާގެ އަނބިކަނބަލުން ސާރާގެ މައްޗަށް ކޮރަޕްޝަނާއި ރިޝްވަތުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ މި ދަނޑިވަޅުގައި މިފަދަ ބިލެއް ފާސްކުރުމަށް ނަތަންޔާހޫ ބާރު އަޅުއްވަމުން ގެންދަވާއިރު ފުލުހުން ދަނީ މައްސަލަތައް ތަހުގީގުކޮށް އެ މައްސަލަތަކުގެ ތެރެއަށް ފީނަމުންނެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ބޮޑު ނަތަންޔާހޫގެ ސަރުކާރު ކޯލިޝަންއިން ވަނީ މި އަހަރު ފަހު ދައުރުގެ ބަންދަށް ދިއުމުގެ ކުރިން މި ބިލު ފާސްކޮށް ގާނޫނަކަށް ހަދަން ނިންމާފަ އެވެ. ނަމަވެސް ކުރީގެ ބޮޑުވަޒީރު އިހޫދް އޯލްމާޓްގެ ވެރިކަމުގައި ވެސް ވަނީ މިފަދަ ބިލެއް މަޖިލިހަށް ހުށަހަޅައި ފެއިލް ވެފަ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އިހޫދް އޯލްމާޓް ވެފައިވަނީ އިޒުރޭލުގެ ތާރީހުގައި ފުރަތަމަ ޖަލަށް ހުކުމް ކުރި ބޮޑުވަޒީރަށެވެ. އޯލްމާޓްގެ މައްޗަށް ސާބިތުވެފައިވަނީ ރިޝްވަތާއު އޮޅުވާލުމާއި މަކަރު ހެއްދެވުމުގެ ކުށެވެ. މިހާރުވެސް އޯލްމާޓް ގެންދަވަނީ އެކުށުގެ އަދަބު ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ފުރިހަމަ ކުރައްވަމުންނެވެ.