އެކި ކަންކަމުގައި ސްރީލަންކާއިން ރާއްޖެއަށް ދޭ އެއްބާރުލުން ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ ލަންކާގައި ހުންނަވާ ދިވެހި އާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ސްރީލަންކާއަށް ތައުރީފް ކުރައްވައިފި އެވެ.
މުންދުއާ ހަވާލާދީ ލަންކާގެ އެސްއެލްބީސީގައި ބުނެފައި ވަނީ ލަންކާއިން ރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށާއި ލަންކާއަކީ ރާއްޖެއިން މަހުގެ ތަފާތު ބާވަތްތައް އިމްޕޯޓުކޮށް އެހެން ގައުމުތަކަށް ރާއްޖޭގެ އުފެއްދުންތައް އެކްސްޕޯޓު ކުރާ ގައުމަކަށް ވުމުން ސްރީލަންކާގެ އެ އެހީތެރި ކަމަށް ތައުރީފު ހައްގުވާ ކަމަށެވެ.
މީގެ އިތުރުން ތައުލީމާއި ޓޫރިޒަމާއި ވިޔަފާރިއާއި ދިފާއީ ދާއިރާއިން ވެސް ސްރީލަންކާ އާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރާ ކަމަށާއި ލަންކާއާ ރާއްޖެއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.