މުހައްމަދު ހުސައިން ޝަރީފު

"ބައިނަލްއަގުވާމީ މުޖުތަމައު މަަސައްކަތްކުރަނީ އަމިއްލަ ފައިދާއަށް"

  • ޕްރެޝާ ދެނީ ފްރީމާކެޓް ޕޮލިސީގެ ސަބަބުން
  • ރާއްޖެ އިސް އެކުވެރިން ނުތިބޭތީ ހަޖަމެއް ނުވޭ
  • ޗައިނާއަކީ ވިޔަފާރީގެ ބައިވެރިއެއް

ބަައިނަލް އަގުވާމީ މުޖުތަމައުގެ އެކި ފަރާތްތަކުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމަށް ފާޑު ކިޔައި ޕްރެޝާ ދެނީ އެ ފަރާތްތަކީ އަމިއްލަ މަސްލަހަތެއް އޮވެގެން އެކަމަށް މަސައްކަތް ކުރާ ބަޔަކަށް ވާތީ ކަމަށް ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެ ވާހަކަފުޅު ދައްކަވައިފި އެވެ.

ދިވެހި ސަރުކާރުގެ ތަރުޖަމާނު ކަމާއި މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުންދު، ސްރީ ލަންކާގެ "ސިލޯން ޓްޑޭ" ނޫހަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން މުންދުއަށް މި ސުވާލު ދެންނެވުނެވެ:

"ޔޫއެން، އީޔޫ އަދި ސާކް ހިމެނޭ ގޮތުން ބައިނަލް އަގުވާމީ މުޖުތަމައުގެ ބަލައި ގަތުން [ރައީސް] ޔާމީނަށް ދަނީ ގެއްލެމުން. [އެކަމާ] މަނިކުފާނު ވިދާޅުވާނީ ކީކޭތޯ؟"

ގާތްގަނޑަކަށް 15،000 ދިވެހިން ދިރިއުޅޭ އެ ގައުމުގައި ހުންނަވާ ދިވެ ސަފީރު އެ ސުވާލަށް ޖަވާބެއް ދެއްވި އެވެ. އެ ޖަވާބުގައި ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުގައި ހިމެނޭ އެފަދަ ދިމަ ދިމާއަކީ އަމިއްލަ މަސްލަހަތު އިސްކޮށް އެކަމަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ.

އެ ސުވާލުގެ ޖަވާބުގައި މުންދު ވިދާޅުވި ކަަމަށް އެ ނޫހުގައި ލިޔެފައި ވަނީ މިހެނެ:

"އެއީ އެމަނިކުފާނު [ރައީސް ޔާމީން] ގެ ފްރީމާކެޓް ޕޮލިސީގެ ސަބަބުން. ބައިނަލް އަގުވާމީ މުޖުތަމައަކީ ވެސް އަމިއްލަ މަސްލަހަތަށް [މަސައްކަތްކުރާ] ޕާޓީތަކެއް. ރައީސް ޔާމީނު ސާފު ކޮށްދެއްވާފައި ވަނީ އިސްކަންދޭ އެކުވެރިން އަޅުގަނޑުމެންގެ ނުތިބޭނެކަން. ވިޔަފާރީގެ ގޮތުން އެންމެ ބޮޑު ޕާޓީއަކީ ޗައިނާ. އެއީ އަޅުގަނޑުމެންގެ ބައެއް ބައިވެރިންނަށް ހަޖަމް ކުރަން އުނދަގޫ ކަމެއް،"

ސްރީލަންކާ ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ދިވެހި ސަރުކާރަށް ފާޑުވިދާޅުވެ ދެއްވި ބަޔާނާ މެދު -- ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅެއް -- ދެކިވަޑައިގަންނަވަނީ ކިހިނެތްތޯ ސުވާލު ކުރުމުން ވެސް މުންދު އެއަށް ރައްދެއް ދެއްވި އެވެ.

ޗައިނާއަކީ ވިޔަފާރީގެ ބައިވެރިއެއް. އަހަރެމެނަށް ވިސްނުނީ ޗައިނާގެ އެހީގައި ލަންކާއެކޭ އެއްފަަދައިން ތަރައްގީވާން،
މުހައްމަދުހުސައިންޝަރީފު| ސަފީރު

ވިދާޅުވީ ޖަޔަސޫރިޔާ ޗުއްޓީއެއް ނަންގަވައި ރާއްޖެއަށް ވަޑައިގެން އަމިއްލަ ފުޅަށް ރާއްޖޭގެ ހާލަތު ބައްލަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ރާއްޖެއާ އިންޑިއާ އަދި ލަންކާ ބައިވެރިވާ އެއްބަސްވުމެއް އޮންނަ ކަމަށާއި ތިން ގައުމުން މަސައްކަތް ކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

"އަހަރެމެން [މި ތިން ގައުމު]ގެ އިސް ނެގުމަށް ތާއީދު ނުކުރާ އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމާ ގުޅޭ ކަންކަމަށް ނުފޫޒު ފޯރުވާ ބާރުތަކެއް ވާހަކަ އަހަރެމެން ގަބޫލެއް ނުކުރަން... ޗައިނާއަކީ ވިޔަފާރީގެ ބައިވެރިއެއް. އަހަރެމެންނަށް ވިސްނުނީ ޗައިނާގެ އެހީގައި ލަންކާއެކޭ އެއްފަަދައިން ތަރައްގީވާން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޑިޕްލޮމޭޓެއްގެ ގޮތުގައި ހުންނަވައިގެން މިފަދަ މޭރުމަކުން މުންދު ވާހަކަފުޅު ދެއްކެވި އިރު އިންޑިއާ ވެސް ހިމެނޭ ގޮތަށް އދ. އާއި އީޔޫއާއި އެކި އެކި ގައުމުތަކުން ރާއްޖެއަށް ފާޑުކިޔަމުން ދަނީ 1 ފެބްރުއަރީގެ އަމުރު ތަންފީޒު ނުކޮޮށްގެންނެވެ.