މުހައްމަދު ހުސައިން ޝަރީފު

ލަންކާ އެސްއޯއީއެކު ދިވެހިންނަށް އިރުޝާދުދޭން ލަފާ ހޯދަނީ

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާގައި މިއަދު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އެކަމާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންނަށް ދޭނެ އިރުޝާދަކާމެދު އެ ގައުމުގައި ހުންނަ ރާއްޖޭގެ އެންބަސީން ސްރީލަންކާ ސަރުކާރުގެ ލަފައެއް ހޯދަން މަސައްކަތް ފަށައިފި އެވެ.

ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން މެދުވެރިވި ހަމަނުޖެހުންތައް ވެރިރަށް ކޮލަމްބޯއާ ހިސާބަށް އަދި ނުފެތުރޭ ކަމަށެވެ. ނަމަވެސް 10 ދުވަހުގެ މުއްދަަތަށް އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ދިވެހިންނަށް ވަކި އިރުޝާދެއް ދޭން ލަންކާ ސަރުކާރުން އެދޭތޯ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން މި ގެންދަނީ ސްރީލަންކާގެ ފޮރިން މިނިސްޓްރީއާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ވެސް މަޝްވަރާ ކުރަމުން. ދިވެހިންނަށް ދޭން ބޭނުންވ ވަކި އިރުޝާދެއް އޮތްތޯ. ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓަނީ ކޮން ހައްގުތަކެއްތޯ ވެސް އޮޅުން ފިލުވަމުން މިއަންނަނީ. ދިިވެހިންނަށް އިރުޝާދެއް ދޭން ޖެހިއްޖެ ނަމަ އަޅުގަނޑުމެން ވަގުތުން ވަގުތަށް އެ އިރުޝާދެއް ދެމުން ދާނަން،" މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފާއިތުވި ދެދުވަހު ހަމަނުޖެހުންތައް ހިނގި ކެންޑީގައި މަދުމަދުން ދިވެހިން ދިރިއުޅޭ ކަމަށާއި އެހެން ނަމަވެސް އެއިން އެއްވެސް އާއިލާއަކަށް ކަމެއް މެދުވެރިވެގެން އަދި ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ.

ލަންކާ ސަރުކާރުގެ ތަރުޖަމާނާ ހަވާލާ ދީ އަލްޖަޒީރާއިން ބުނީ މުޅި ސްރީ ލަންކާއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ އެކި ދީންތަކުގެ މީހުންގެ މެދުގައި ހަމަނުޖެހުން އުފައްދާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ކަމަށެވެ.

ލަންކާ ފުލުހުން ބުނީ ކެންޑީ ޑިސްޓްރިކްޓްގައި ހަމަނުޖެހުން ހިންގި މީހުން މުސްލިމުންގެ ފިހާރަތާއި މިސްކިތްތަކަށް އިއްޔެއިން ފެށިގެން ބުޑިސްޓުން ހަމަލާތައްދީ ހަމަނުޖެހުންތައް ހިންގާފައިވާ ކަމަށެވެ. އެގޮތުން ބައެއް ތަންތަނުގައި ހުޅުޖެހުމުގެ އަމަލުތައް ވެސް ވަނީ ހިންގާފަ އެވެ.

ނަމަވެސް އަލްޖަޒީރާއަށް މައުލޫމާތު ދިން މަސްދަރުތަކާ ހަވާލާދީ އެ އެޖެންސީން ބުނީ ހަމަނުޖެހުންތައް ހިންގަމުން ދަނީ ކެންޑީގައި އެކަނި ނޫން ކަމަށެވެ. އަދި ބުނީ ހަމަނުޖެހުންތައް ލަންކާގެ ކަންކޮޅުތަކަށް ފެތުރެމުންދާ ކަމަށެވެ. ކޭންޑީގެ ސަރަހައްދަށް ވަނީ ކާފިއުވެސް ނެރެފައެވެ.

ސްރީލަންކާގެ އާބާދީގެ 10 ޕަސެންޓަކީ މުސްލިމުންނެވެ. އެމީހުންނާ ދެކޮޅަށް ބުޑިސްޓުން ކުރީ ފަހަރުތަކުގައި ހިންގި ހަމަނުޖެހުންތައް ވަރަށް ނުރައްކާތެރި ހާލަތަކަށް ގޮސް މީހުން މަރާފައި ވެސްވެ އެވެ. ލަންކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ ބުޑިސްޓުންގެ ހަރުކަށި ވަތަނީ ޖަމާއަތެއް ކަމަށްވާ ބޮޑުބަލަސޭނާ ކަމަށް އެ ގައުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިފަހަރުގެ ހަމަނުޖެހުންތައް ފެށުނީ ލަންކާގެ އިރުމަތީ ޕްރޮވިންސްގެ އަމްޕާރާ ނަމަކަށް ކިޔާ ރަށުގައި ފެބްރުއަރީމަހުގެ 27 ވަނަ ދުވަހުއެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން އޭރު ބުނީ ހަމަނުޖެހުންތައް ފެށުނީ މުސްލިމަކު ހިންގާ ފިހާރައަކުން ވިއްކާ ކާތަކެއްޗަށް ބޭސް ގުޅަތަކެއް އެއްކުރާ ކަމަށް ބުޑިސްޓުންގެ ބަޔަކު ކުރި ތުހުމަތު ތަކަކަށް ފަހު ކަަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބުޑިސްޓުންގެ ޖަމާއަތަކުންް އާއްމު ކުރި ވީޑިއޯއެއްްގައި ވަނީ، ކާތަކެއްޗަށް ބޭސް ގުޅަތައް އެއްކުރި ކަމަށް މީހަކު އިއުތިރާފުވާ މަންޒަރު ދައްކާފަ އެވެ.

ނަމަވެސް އެމީހާ އެގޮތަށް އިއުތިރާފު ކުރަނީ ބަޔަކު އޭނާ ހިފަހައްޓައި މަޖުބޫރު ކުރުމުން ކަން ވީޑިއޯއިން އެނގޭ ކަމަށް ނޫހުން އޭރު ބުންޏެވެ.

ގިނަ އަދަދެއްގެ ދިވެހިން އުޅޭ ސްރީ ލަންކާގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރިއިރު ރާއްޖޭގައި އޮތީ އިމަޖެންސީ އިއުލާންކޮށްފައެވެ