ވިޔަފާރި

އާ ބަދަލުތަކާ އެކު ވެލިގާގެ ޖަނަވަރީ މަގު ފިހާރަ ހުޅުވައިފި

Oct 30, 2017

ވެލިގާ ހާޑްވެއާގެ ޖަނަވަރީ މަގު ފިހާރަ، "ވެލިގާ ހާޑްވެއާ 2" ރިބްރޭންޑްކޮށް އާ ބަދަލުތަކާ އެކު އަލުން ހުޅުވައިފި އެވެ.

ހާޑްވެއާ ވިޔަފާރީގައި މަގުބޫލުކަން ހޯދާފައިވާ ވެލިގާ ހާޑްވެއާގެ ޖަނަވަރީ މަގުގެ ފިހާރަ އަލުން ހުޅުވީ ތަނުގެ ޖާގަ ބޮޑުކޮށް ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަށް އިންޓީރިއާއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހާޑްވެއާތައް ހޯދާލެވޭނެ ގޮތަށް ޝޯ ރޫމް ވަނީ ފަރުމާކޮށްފަ އެވެ. އަދި ވެލިގާއިން ގެންނަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ސާމާނު ވެސް ވަކިން ފާހަގަވާނެ ގޮތަށް ވަނީ ޝޯރޫމް ތަރުތީބުކޮށްފަ އެވެ.

"ވެލިގާ ހާޑްވެއާ 2" ފިހާރަ ޖަނަވަރީ މަގުގައި ހުޅުވާފައި ވަނީ 2010 ވަނަ އަހަރުގެ މޭ މަހުގަ އެވެ. ވެލިގާއިން ބުނީ މިބަދަލުގެ ސަބަބުން ޖަނަވަރީ މަގުގައި ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި ވެސް ކަސްތަމަރުން ބޭނުންވާ ހާޑްވެއާ ފަސޭހައިން ލިބިގެން ދިޔުމަށް މި ބަދަލުން މަގުފަހި ކުރާނެ ކަމަށެވެ. އަދި ވެލިގާގެ އަމާޒަކީ އެ ކުންފުނީގެ ކޮންމެ ފިހާރައަކުން ވެސް ކަސްޓަމަރުން ބޭނުންވާނެ ކޮލިޓީ އުފެއްދުންތައް ފަސޭހަކަމާ އެކު ލިބޭނެ މަގު ފަހި ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މިހާރު ވެސް މާލޭ އާއި ހުޅުމާލޭގައި ވެލިގާއިން ފަސް ފިހާރަ ހިންގަމުން އަންނަ އިރު އެ ކުންފުނިން ބުނީ ޖަނަވަރީ މަގުގެ ފިހާރައަކީ ވެސް އެ ކުންފުނިން މިހާރު ހިންގާ ފިހާރަތަކާ އެއްވަރުގެ ފެންވަރު ރަނގަޅު ޒަމާނީ ހިދުމަތެއް ދެވޭނެ ޝޯރޫމްއަކަށް މިހާރު ބަދަލުވެފައިވާ ކަމަށެވެ.

ވެލިގާ އިން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް 2008 ވަނަ އަހަރުން ފެށިގެން ހާޑްވެއާ ފޯރުކޮށް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން އެވެ. އެ ކުންފުނިން މި ދާއިރާގެ އުހުގައި ފައިހަރުކޮށްފައިވާ އިރު، މިފަހުން އެ ކުންފުނިން ވަނީ ޖަރުމަނުގެ މޮޅު ޕަވަޓޫލް ބްރޭންޑް މެޓާބޯ ރާއްޖެއަށް ތައާރަފްކޮށްފަ އެވެ. އެ ޕަވަޓޫލްގެ ސަބަބުން މަސައްކަތްތެރިންގެ މަސައްކަތް އިތުރަށް ފަސޭހަ ކޮށްދޭނެ ކަމުގެ ޔަގީންކަން ވެލިގާއިން ދެ އެވެ.