ހަބަރު

ހައްގުތައް ހިފަހައްޓާފައި ވާތީ ފާރިސްގެ މާލީ ބަޔާން ހުށަނޭޅިފައި

ގާނޫނާ ހިލާފަށް ބަންދުކޮށް ހައްގުތަށް ނިގުޅައިގަނެ ހިފަހައްޓާފައިވާތީ މިވަގުތު މާލީ ބަޔާން ހުށަހެޅެން ނެތް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން، ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ކޮންމެ މެންބަރަކުވެސް އެ މެންބަރެއްގެ މިދިޔަ އަހަރުގެ މާލީ ބަޔާން ރައްޔިތުން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. މާލީ ބަޔާން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ މިއަދެވެ.

މާލީ ބަޔާން ހުށައެޅެން ނެތް ކަމަށް ވިދާޅުވެ ފާރިސް ފޮނުވާފައިވާ ސިޓީގައި ވިދާޅުވީ، 18 ޖުލައިގައި ގާނޫނާ ހިލާފަށް ބަންދު ކޮށްފައިވާ މެންބަރެއް ކަމަށާއި މަޖިލީހުގެ ގަވާއިދުތަކާއި އިމްތިޔާޒް ތަކުގައި ލާޒިމް ކޮށްފައިވާ ގޮތުގެ މަތީން މަޖިލީހުގެ ރައީސް އާއި އަމީންއާއްމާއި މަޖިލީހުގެ އިދާރާއިން އަމަލު ކޮށްފައިނުވާ ކަމަށެވެ. އަދި ގާނޫނީ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރުމަށް އާމީންއާއްމާއި މަޖިލީހުގެ އިދާރާގެ މުއައްޒަފުން ކިބައިން ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ދެންނެވި ދެންނެވުމަށް އިޖާބަ ދީފައިނުވާ ކަމަށްވެސް އެ ސިޓީގައި ވެއެވެ.

ފާރިސް ވިދާޅުވީ، އޭނާގެ މާލީ ބަޔާން އެކުލަވާލުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތު ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ނުދޭ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ބަންދުކޮށް މިނިވަންކަން ނިގުޅައިގަނެ މަޖިލީހުގެ މެންބަރަކަށް ލިބެން ޖެހޭ އިމްތިޔާޒްތަކާއި ހައްގުތަކަށް ގާނޫނާއި ހިލާފަށް ހުރަސް އަޅަމުންދާތީ މިދިޔަ އަހަރުގެ މާލީ ބަޔާން މުއްދަތު ތެރޭގައި ހުށަހެޅެން ނެއް ކަމަށް ސިޓީގައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަންދު ކުރުމުން އަމަލު ކުރުމަށް މަޖިލީހުގެ ގަވާއިދާއި އިމްތިޔާޒް ތަކުގައި އަމަލުކުރުމަށް ގާނޫނީ އެއްވެސް އުޒުރެއްނެތި އިންކާރުކުރައްވައި ގާނޫނަށް ކަނޑައެޅިގެން ނުކިޔަމަންތެރިކަން މަތީ މަނިކުފާނާއި ރައްޔިތުން މަޖިލީހުގެ އަމީންއާއްމާއި މަޖިލީހުގެ އިދާރާގެ ކަމާބެހޭ މުއައްޒަފުން ދެމިތިއްބެވި ތިއްބެވުމަށް މިއަދަށް 106 ދުވަސް ހަމަވާކަން،" ފާރިސްގެ ސިޓީގައި ވެއެވެ.

ފާރިސް އިތުރަށް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެ މަޖިލީހަށް ހުށަހަޅަން ޖެހޭ މާލީ ބަޔާން ހުށަހަޅަން ބޭނުންވާ ކަމަށާއި މަލީ ބަޔާން ތައްޔާރު ކުރެވޭނެފަދަ ހާލަތެއްް މެދުވެރިވުމާއެކު އެ ބަޔާން ހުށަހަޅަން ގަސްތުކުރާ ކަމަށެވެ.