ހަބަރު

ޝާފިއު ތެދެއް ނަހަދާނެ، އިންޒާރު ވެސް ވަނީ ދީފަ: މެންބަރު ރަޝީދު

އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ)އާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ މެންބަރު، ލ. ފޮނަދޫ، ސްވީޓްފްލާވާ، އަހުމަދު ޝާފިއު ދެއްކި ވާހަކަތަކަށް އޭނާ ރައްދު ދެއްވައިފި އެވެ. އޭނާ ވަނީ ޝާފިއު ކުރި ހުރިހާ ތުހުމަތެއް ދޮގު ކުރައްވާފަ އެވެ.

ރާއްޖެޓީވީއަށް ލަންކާގައި ހުރެ ޝާފިއު ދިން އިންޓަވިއުއެއްގައި ވަނީ މެންބަރު ރަޝީދަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާ ދެކޮޅަށް ބަޔާން ދިނުމަށް އެކި އިންޒާރުތަކާއި ހުށަހެޅުންތައް ލިބިފައިވާ ކަމަށް ޝާފިއު ބުންޏެވެ.

އެ ތުހުމަތުތަކާ ގުޅިގެން "އަވަސް"އިން މެންބަރު އަހުމަދު ރަޝީދަށް ގުޅުމުން ވިދާޅުވީ، ޝާފިއުގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އޭނާ ޝާފިއުއަށް ގުޅައި އިންޒާރު ދީފައިނުވާ ކަމަށެވެ. މީން ޒަމާނަކު ޝާފިއު ގުޅާފައިނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޕޮލިހަށް ގޮސް ބައްލަވާ މީން ޒަމާނަކު އަޅުގަނޑު އެބަ އޮތްތޯ އޭނާއަށް ގުޅާފަ، އަޅުގަނޑު އޭނާ ގުޅި ކޯލަކަށް ވާހަކަ ދައްކާފައި އޮތްތޯ ބައްލަވާ، ޕޮލިހުންނަށް އެނގިވަޑައިގަންނަވާނެ ދިރާގާ ތަންތަނަށް ގުޅިގެން ބެލީމަ، އަޅުގަނޑުގެ ފޯނަކުން އަދި އެހެން ފޯނަކުން ވެސް ނޯންނާނެ އޭނާއަށް ގުޅާފައެއް، އަޅުގަނޑާ ގުޅުން އޮންނަ މީހުންނަށް ވެސް އަންގާފަ އޮންނާނީ އޭނާގެ ކޯލަކަށް ޖަވާބު ނުދޭން،" މެންބަރު ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ، މަރުގެ އިންޒާރު ދީފައިވަނީ ޝާފިއު ކަމަށެވެ. މީހަކު މެދުވެރިކޮށް މަރުގެ އިންޒާރު އޭނާއަށް ޝާފިއު ދިން މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

"ކީއްކުރަންތޯ އަޅުގަނޑު އޭނާއަށް މަރުގެ އިންޒާރު ދެނީ، އެއީ ކާކުތޯ، ކީއްކުރާ މީހެއްތޯ، ކޮން ކަމެއް ކުރެވޭނެ މީހެއްތޯ އެއީ،" މެންބަރު ވިދާޅުވި އެވެ.

ޝާފިއުއަކީ އެއްވެސް އުޅުމެއް ހުރި މީހެއް ނޫން ކަމަށާއި އޭނާ ދައްކާ ވާހަކަތައް ގަބޫލުކުރުން ހެޔޮނުވާ ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި އެފަދަ ބޮޑު ތުހުމަތުތަކެއް އޭނާއަށް ކުރަނީ އިދިކޮޅު ފަރާތްތަކާ ނުގުޅުމުންނާއި އޭނާގެ އަތުން ފައިސާ ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

"އެއް ގޮތަކީ އޭނާ ބޭނުން ވަނީ އަޅުގަނޑު އަތުން ލާރި ހޯދުން، އަނެއް ގޮތަކީ އޭނާ ބޭނުންވާ ފަރާތަށް އަޅުގަނޑު ނުގޮސްގެން އޭގެ ހަސަދަ އެ ބާލަނީ، އެހެން ނޫނީ ކީއްވެތޯ އެވަރަށް ޖައްސާލަންވީ،" މެންބަރު ވިދާޅުވި އެވެ. "އޭނާ އެ އުޅޭ ކަމަކީ އަޅުގަނޑު އެމީހުން އެދުނު ގޮތަށް އިދިކޮޅަށް ނުގޮސްގެން އޭގެ ހަސަދަ އެ އުޅެނީ، އޭގެ ހަސަދަ އެއީ، އަޅުގަނޑޭ ކިޔައިގެން ފާޑުފާޑު އެއްޗެހި އެ ކިޔަނީ،"

މެންބަރު ވިދާޅުވީ، އޭނާއާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ފަތުރާ، ފާޑުފާޑުގެ ފޮޓޯ ހަދައި އެ އާންމުކުރާނެ ކަމުގެ އިންޒާރު ވެސް ޝާފިއު ދީފައިވާ ކަމަށެވެ. ޝާފިއުއަކީ ފޮޓޯ އެޑިޓްކޮށް، އެއްޗެހި ރިކޯޑް ތަފާތު ގޮތްގޮތަށް އެޑިޓްކޮށް ފައިސާ ހޯދާ މީހެއް ކަމަށް ވެސް މެންބަރު ތުހުމަތުކުރި އެވެ.

"އޭނާއާ ބެހޭ ގޮތުން، އެ ދަރަޖައިގެ މީހަކާ ގުޅޭ ގޮތުން ވާހަކަ ދައްކާކަށް އަޅުގަނޑު ބޭނުމެއް ވެސް ނޫން، އަޅުގަނޑުގެ ނަން ހަޑިކުރަން، މިއަކީ ހަގީގަތެއް އޮތް ކަންކަމެއް ނޫން، ފުރަތަމަ އޭނާއަކީ ކޮން ކަހަލަ ތެދުވެރި މީހެއްތޯ އެބަޖެހެއެއް ނޫންތޯ ބަލާލަން، އޭނާ ތެދެއް ނުހަދާނެ،" މެންބަރު ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލަނީ މެންބަރުގެ ގާރީއަށް ރިޝްވަތު ދިން ކަމަށް ބުނެ އެވެ. އެ މައްސަލާގައި މެންބަރު ގާރީ ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފަ އެވެ. އަދި، ޝާފިއުގެ އޯޑިއޯ ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވާއިރު އެ ހެއްކަކީ މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވޭ ވަރުގެ ހެއްކެއް ނޫން ކަމަށް ޝާފިއުގެ މައްސަލާގައި ހައިކޯޓުން ކަނޑައަޅާފައިވެ އެވެ. ދައުލަތުން ވެސް ވަނީ އެ ހެއްކަކީ ދައުވާ ކުރެވޭވަރުގެ ހެއްކެއް ނޫން ކަމަށް ޝާފިއުގެ މައްސަލާގައި ނިންމާފަ އެވެ.