ހަބަރު

"އެސްއެލްސީޕީން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރަންޖެހޭ"

Nov 16, 2017

ރާއްޖޭގައި ޝޯޓް ލިވްޑް ކްލައިމެޓް ޕޮލިއުޓެންޓްސް (އެސްއެލްޕީސީސް) ގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ 23 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 23) ގައި ބައިވެރިވުމަށް ކެނެޑާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކްލައިމެޓް އެންޑް ކްލީން އެއަރ ކޯލިޝަންގެ ހަވާސާ ބޭރުން ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ، އެސްއެލްސީޕީސް ގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެކަމަށް ސައިންސްވެރިން ވެސް ހެކިދޭ ކަމަށެވެ.

އަދި ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކުގައި ކުނި މެނޭޖް ކުރުމަކީ ވަރާށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ކަމަށާއި ކުދި ޖަޒީރާ ގައުމުތަކަކަށް ބެހިފައިވުމުން ހުރިހާ ރަށްތަކަކުން ކުނި ނެގުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ާއެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެސްއެލްސީޕީސް އެމިޝަންސް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށާއި އެ މަސައްކަތުގެ ސަބަބުން ރާއްޖޭގައި އެސްއެލްސީޕީސް ހުރި މިންވަރު ދެނެގަނެވި ކުރިމަގުގައި ޕޮލިސީތައް ހެދުމުގައި އެހީއަކަށް ވާނެއެވެ.

"ކްލައިމެޓް އެންޑް ކްލީން އެއާރ ކޯލިޝަން" އަކީ ސަރުކާރާއި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި އަމިއްލަ ވިޔަފާރި ކުރާ ކުންފުނިތަކުގެ އިތުރުން ސައިންޓިފިކް ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ވައިގެ ކޮލިޓީ ރަނގަޅު ކުރުމަށާއި ޖައްވަށް ދޫކުރާ ވިހަގޭހުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކޮށް ތިމާވެށި ރައްކާކުރުމަށް އުފައްދާފައިވާ ކޯލިޝަނެކެވެ.

އެ ދަތުރުފުޅުގައި ކެނެޑާ ސަރުކާރުގެ ދައުވަތަކަށް ކަނޑާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބޭއްވި ހަފްލާއެއްގައި މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމުގެ ހީނުކުރާ ވަރުގެވެސް ބޮޑެތި މޫސުމީ ކާރިސާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ރަށްތަކުގެ މުރަކަ ހުދުވުވުމާއި "އޯޝަން އެސިޑިފިކޭޝަން" ފަދަ ކަންތައްތައް ކުރިމަތުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެންމެ އެކަށޭނެ ގޮތެއްގައި ކުނި މެނޭޖްކުރުމަށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަކީ ރަށްތައް ބެހިފައިވާ ގޮތުންނާއި، އެހުރިހާ ރަށްތަކުގައި އެކަށޭނެ ގޮތެއްގައި ކުނި މެނޭޖްކުރުމަށް ވަރަށް ބޮޑު ހަރަދެއް ކުރަންޖެހުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ދަތުރުފުޅުގައި "ޕޮލިސީ ކޯހެރެންސް އެންޑް ޖޮއިންޓް ޑެލިވަރީ، ޔޫ ސިސްޓަމްސް ސަޕޯޓް ޓު ލޯ އެމިޝަން އެންޑް ކްލައިމެޓް ރިސިލިއެންޓް ޑެވެލޮޕްމަންޓް އެޓް ދަ ނޭޝަނަލް ލެވެލް" ޕެނަލް މަޝްވަރާ ތަކުގައި މިނިސްޓަރު ވިދާޅުވީ، ޑިޒާސްޓަ ރިސްކް ރިޑަކްޝަން ސްޓްރެޓެޖީސް ގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ މަސައްކަތްތަކަށް ފައިދާތަކެއް ލިބޭނެ ކަމަށެވެ. ނަމަވެސް ތަރައްގީގެ މަޝްރޫއުތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަޝްރޫއުތައް އެއްފަދަ ކުރުމަކީ ގޯހެއްކަމަށާއި އެކަމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަމާއި ސަލާމަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.