ހަބަރު

ކުޑަ ކުދިންނަށް އަނިޔާކުރުންވީ އިތުރު

Nov 17, 2017

ކުޑަ ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ހުށަހެޅޭ މިންވަރު މަދުވަމުން ނުދާކަން ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރަމުން އަންނަ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 122 މައްސަލަ އެއް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ކުރީ ސެޕްޓެމްބަރު މަހު ކުދިންނަށް އަނިޔާކުރުމުގެ ރިޕޯޓްކުރީ 104 މައްސަލަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތަފާސް ހިސާބުގައިވާ ގޮތުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ ޖުމްލަ 33 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އޭގެއިތުރުން ކުޑަކުދިންނަށްކުރާ ޖިންސީ ހާނީއްކައިގެ 28 މައްސަލަ އާއި ޖިސްމާނީ ހާނީއްކައިގެ 25 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 15 މައްސަލަ އާއި ނަފްސާނީ ހާނީއްކައިގެ ނުވަ މައްސަލަ އާއި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ނުވަ މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ނުވަތަ ސައިބާ ބުލީންގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ އަދި ކުދިންގެ ނާޖާއިޒުފައިދާ ނެގުމުގެ އެއް މައްސަލަ ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ ޖުމްލަ 10 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ހުށަހަޅާފައިވެ އެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ ފަސް މައްސަލަ އާއި ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ ދެ މައްސަލަ އާއި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ނުހެއްދުމުގެ އެއް މައްސަލަ އާއި އުފަންވުން ރަޖިސްޓްރީ ނުކުރުމާބެހޭ އެއް މައްސަލަ އަދި ބޯހިޔާވަހިކަން ފޯރުކޮށްނުދިނުމުގެ އެއް މައްސަލަ ހިމެނެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 18 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅައިފައިވެއެވެ.
އެ މައްސަލަތަކުގެ ތެރޭގައި މާރާމާރި ހިންގުމުގެ ހަ މައްސަލަ، ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ ދެ މައްސަލަ، ވައްކަންކުރުމުގެ އެއް މައްސަލަ އަދި ތޫނު އެއްޗެހި ގެންގުޅުމުގެ އެއް މައްސަލަ ހިމެނެއެވެ. ކުޑަކުދިންގެ އަހްލާގީ މައްސަލަތަކުގެ 19 މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.

އާއިލީ މައްސަލަތަކުގެ 47 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހެޅިއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 33 މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. އެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 17 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އޭގެ އިތުރުން މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ ފަސް މައްސަލަ، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާގެ ފަސް މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ ދެ މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ އެއް މައްސަލަ، އިހުމާލުވުމުގެ އެއް މައްސަލަ، ނާޖާއިޒުފައިދާ ނެގުމުގެ އެއް މައްސަލަ އަދި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން މިދިޔަ މަހު ނުވަ މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން އަށް މައްސަލައެއް ހުށަހަޅައިފައިވެއެވެ. އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ޖުމްލަ ހަ މައްސަލައެއް އޮކްޓޫބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެ އެވެ.