ހަބަރު

ހިތާނީ ފެސްޓިވަލްގެ ޖާގަ 500އަށް އިތުރުކޮށްފި

Nov 18, 2017
2

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ ސަދަގާތު ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ހިތާނީ ފެސްޓިވަލްގެ ޖާގަ އިތުރުކޮށްފި އެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން ފެސްޓިވަލުން ޖާގަ ދޭން އޮތީ 140 ކުދިންނަށެވެ. ނަމަވެސް މިހާރު ޖާގަ ވަނީ 500 އަށް އިތުރުކޮށްފަ އެވެ.

އެ ފައުންޑޭޝަންގެ ފަރާތުން އިބްރާހިމް މުއާޒު ވިދާޅުވީ، ހިތާނީ ފެސްޓިވަލަށް ޑިމާންޑް ބޮޑުވެ އިތުރު 500 ކުދިންނަށް ޖާގަ ދިނުމަށް މެޑަމް ނިންމަވާފައިވާ ކަމަށެވެ.

"ރޭގެ ގިނަ އަދަދެއްގެ އާންމުން ފޯމް ނެގުމަށްޓަކައި ކެމްޕެއިން އޮފީހަށް ދިޔަ، މިކަމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ އިތުރުކޮށް ދެއްވި 500 ފޯމް ވެސް ރެއިން ރެޔަށް އެއްކޮށް ވަނީ ހުސްވެފަ،" މުއާޒު ވިދާޅުވި އެވެ.

ޖާގަ އިތުރުކުރުމުގެ ސަބަބުން ހުޅުމާލެ ރެހެންދި ސްކޫލްގެ އިތުރުން އެހެން ސަރަހައްދެއްގައި ފެސްޓިވަލްގެ އެކަމަޑޭޝަން ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް މުއާޒު ވިދާޅުވި އެވެ.

މި އަހަރުގެ ހިތާނީ ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ ކުދިންނާއެކު ހިތާނީ ފެސްޓިވަލް ސަދަގާތު ފައުންޑޭޝަނުން ބާއްވާފައިވެ އެވެ.