ދުނިޔެ

މުގާބޭ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

Nov 21, 2017
3

އެފްރިކާ ބައްރުގެ އެންމެ ގިނަ ދުވަސްވީ ލީޑަރު ރޮބަޓް މުގާބޭ 37 އަހަރަށް ފަހު އެންމެ ފަހުން ވެރިކަމުން އިސްތިއުފާދެއްވައިފި އެވެ. އޭނާ ވެރިކަމުން އިސްތިއުފާ މިދެއްވީ މިދިޔަ ހަފްތާ ޒިމްބާބްވޭގެ ސިފައިން ގެނައި ލޭ އޮހޮރުވުމެއް ނެތް ބަޣާވާތަށް ފަހު، ސަރުކާރުގެ ކޮންޓްރޯލް ސިފައިން ނަގައި އޭނާ މަގާމުން އިސްތިއުފާދޭން ޕްރެޝަރުތައް އައިސްފައި ވަނިކޮށެވެ.

ޒިމްބާބުވޭގެ ގާނޫނު ހަދާމަޖިލީހުގެ ރައީސް މިރޭ މީޑިއާތަކަށް ކަށަވަރުކޮށްދެއްވި ގޮތުގައި މުގާބޭ ވަނީ މިހާރު އިސްތިއުފާ ދެއްވައިފަ އެވެ. އުމުރުފުޅުން 93 އަހަރުގެ މުގާބޭ އިސްތިއުފާގެ ސިޓީ މަޖިލީހަށް ފޮނުއްވި އިރު އޭނާ ރައީސްކަމުން ވަކިކުރުމަށް ނަގާ އިތުބާރު ނެތްކަމުގެ ވޯޓްގެ މައްސަލަ މަޖިލީހުގައި ދިޔައީ ކުރިއަށެވެ. އޭނާގެ އިސްތިއުފާގެ ސިޓީގައިވާ ގޮތުގައި އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވަނީ ސުލްހަވެރިކަމާއި އަމާންކަމާ އެކު ވެރިކަމުގެ ބާރުތައް ބަދަލު ކުރުމަށް އެހީތެރިވެ ވަޑައިގަތުމަށެވެ. އެ ސިޓީއާ އެކު މަޖިލީހުގައި ހިނގަމުން ދިޔަ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓާލައި މެންބަރުން ތަޅުމުގައި އުފާފާޅު ކުރެއްވި އެވެ.

މީގެ އިތުރަށް އެތައްހާސް ބަޔަކު ވެރިރަށް ހަރާރޭގެ މަގުތަކަށް ނިކުމެ އެކަން ފާހަގަ ކުރުމަށް، އަންނަނީ އުފާފާޅު ކުރަމުން އެވެ. މިދިޔަ އާދިއްތަ ދުވަހު އޭނާ ނިސްބަތްވާ ޒާނޫ-ޕީއެފް ޕާޓީއިން ވަނީ މުގާބޭ އެ ޕާޓީގެ ލީޑަރުން ކަމުން ވަކިކޮށްފަ އެވެ. އަދި ރައީސް ކަމުން އިސްތިއުފާދޭން މުހުލަތެއް ދިން ނަމަވެސް ގައުމާ މުހާތަބު ކުރައްވާ މުގާބޭ ވަނީ އިސްތިއުފާ ނުދެއްވާ ވެރިކަމުގައި ހުންނަވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެއާ އެކު އޭނާ ވެރިކަމުން ދުރުކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ އެޕާޓީ އިން މަޖިލީހަށް ވެއްދި އެވެ.

މުގާބޭގެ އަތުން ބާރުތައް ގެއްލުނީ އޭނާގެ ނައިބު ރައީސް މަގާމުން ވަކިކޮށް، އެ މަގާމަށް އަނބިކަބަލުން ހަމަޖެއްސުމަށް ނިންމުމާ ގުޅިގެން އެކަމާ މެދު ސިފައިން ހިތްހަމަ ނުޖެހި ވެރިރަށުގެ ކޮންޓްރޯލް ނެގުމުން އެވެ. އަދި ވެރިރަށުގެ ކޮންޓްރޯލް ސިފައިން ނަގައި މުގާބޭ އާއި އަންހެނުން ގޭ ބަންދުކުރި އެވެ. އަދި އޭނާގެ އަންހެނުންނާއި އެހެން ވެސް ބައެއް އިސް އޮފިޝަލުން ވަނީ ޒާނޫ-ޕީއެފްއިން ވަކިކޮށްފަ އެވެ.