ދިވެހި ސިނަމާ

"ދެވަންސޫރަ" ރިލީޒްކުރުން އަންނަ ފެބްރުއަރީ މަހަށް ލަސްވެއްޖެ

ޔޫސުފް ޝަފީއު (ޔޫއްޕެ) އަށް ތައުރީފްކޮށްފައި ދައްކާނެ ވާހަކައެއް ނެތެވެ. މިހެން ލިޔެގެން ތައުރީފް ކުރެވޭ ވަރަށްވުރެ ފިލްމީ ދާއިރާއިން ޔޫއްޕެ އަރައިގެން ގޮސް އެހެރީ މިހާރު މާ ކުރީގަ އެވެ. އެ ފިލްމަކީ ޔޫއްޕެ ކުޅޭ ނަމަވެސް ނުވަތަ ޑައިރެކްޓް ކުރާ ނަމަވެސް ނުވަތަ ޕްރޮޑިއުސް ކުރާ ފިލްމެއް ނަމަވެސް އެ ފިލްމެއް ރީތިވާނެ ކަަމަށް އެންމެންވެސް ބުނާނެ ފިލްމެކެވެ. ޔޫއްޕެއަށް ކުރާ އިތުބާރު އެއަށްވުރެ ބޮޑެވެ.

ފިލްމުތަކުގައި ކެމެރާގެ ކުރިމަތިން ޔޫއްޕެ ފެނުން ކުޑަކޮށް މަދުވެލާފައި އޮތުމަށްފަހު މިދިޔަ އަހަރު އަދި މި އަހަރު އަނެއްކާވެސް ޔޫއްޕެ ފެނިގެން ދިޔަ އެވެ. މި އަހަރު ރިލީޒްކުރި "ނޯޓީ 40" އިން ކޮމެޑީ ރޯލެއް ފެނިގެން ދިޔައިރު "ނޭދެން ވަކިވާކަށް" އިން ފެނިގެން ދިޔައީ ލޯބީގެ ރޯލަކުންނެވެ. ރުޅި ގަދަ އަދި އަނިޔާވެރި ފިރިއެއްގެ ގޮތުގަ އެވެ. އެއަށްފަހު ޔޫއްޕެ މަސައްކަތް ފަށާފަި މިވަނީ ސަސްޕެންސް ތްރިލާ އަކަށެވެ. "ދެވަންސޫރަ" ނަމުގައި ހަދާ އެ ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އަހްމަދު ޝާހު އަދި އަލީ ޝަޒްލީމް އެވެ.

ޔޫއްޕެ ޕްރޮޑަކްޝަން، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ސްކްރީން ޕްލޭ ލިޔެ ޑައިރެކްޓްކޮށްފައިވަނީ ޔޫއްޕެ އެވެ.

އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މުހައްމަދު ފައިސަލް، އިބްރާހިމް ޖިހާދު (ޖިމީ) އަދި މަރިޔަމް ޝިފާ އެވެ. ޝިފާ އަކީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ ފަރާތެކެވެ. އިތުރު ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަލީ ޝަޒްލީމް، ފާތިމަތު އާޒިފާ، ޔޫއްޕެ، އަހްމަދު ސައީދު، ނާޝިދާ މުހައްމަދު، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ އިސްމާއީލް (ޖާދު)، މަރިޔަމް ޝަކީލާ އަދި މަރިޔަމް ހަލީމްވެސް ހިމެނެ އެވެ. ޖުމްލަ 21 ތަރިން މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމުގެ ޝޫޓިން މިހާރު ނިންމާލާފައިވާއިރު ޔޫއްޕެވަނީ އާ ތަރި ޝިފާއަށް ވަރަށް ބޮޑަށް ތައުރީފްވެސް ކޮށްފަ އެވެ. ޔޫއްޕެ ބުނީ ޝިފާއަކީ ފިލްމީ ދާއިރާއިން ކުރިއަށް ދިއުމުގެ ގާބިލްކަން ހުރި މޮޅު ތަރިއެއް ކަމަށެވެ. އަންނަ އަހަރަށް ޔޫއްޕެ އިއުލާނުކޮށްފައިވާ އެހެން ދެ ފިލްމަކުންވެސް ޝިފާއަށް ވަނީ ފުރުސަތު ދީފަ އެވެ.

"ދެވަންސޫރަ"ގެ ފުރަތަމަ ފެނިލުން. --

"ދެވަންސޫރަ" އަކީ މިހާރު ރާއްޖޭގެ މުޖުތަމައުގައި އާންމުވެފައިވާ މަރުގެ މައްސަލަތަކާއި ގުޅުންހުރި ފިލްމެކެވެ. އަދިވެސް މުޖުތަމައުގައި އާންމުވެފައިވާ އެހެން މައްސަލަތައް ފިލްމުގައި ދައްކުވައިދޭނެ އެވެ. އެގޮތުން ފިލްމުގައ ފެނިގެންދާނީ އަންހެނަކު، މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކެކެވެ. ފިލްމުގެ ފުރަތަމަ ފެނިލުން މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

އެ ފިލްމަކީ ޔޫއްޕެ ސްކްރީންޕްލޭ ލިޔެ އަދި ޔޫއްޕެ ޕްރޮޑަކްޝަނުން ގެނެސްދޭ 25 ވަނަ ފިލްމެވެ. އަދި އެއީ އޭނާގެ 30 ވަނަ ޑައިރެކްޝަނެވެ.

ދެން ޔޫއްޕެ ފެންނަން މިއުޅެނީ އަނެއްކާވެސް ތަފާތު ފިލްމެއްގެ ތަފާތު ރޯލަކުންނެވެ. "ދެވަންސޫރަ" ނަމުގައި ހަދާ ސަސްޕެންސް ތްރިލާއަކުންނެވެ. މި އަހަރުގެ ޑިސެންބަރު މަހު ރިލީޒްކުރަން ނިންމާފައިވާ އެ ފިލްމު އޮލިމްޕަސް ނުލިބުމުގެ ސަބަބުން އަންނަ އަހަރުގެ ފެބްރުއަރީއަށް މިހާރު ވަނީ ފަސްކޮށްފަ އެވެ.