ވިޔަފާރި

މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން 0.27 ޕަސެންޓް ދަށަށް

މިދިޔަ މަހު ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު ނުވަތަ އިންފްލޭޝަން ރޭޓް 0.27 ޕަސެންޓް ދަށަށް ގޮސްފައިވާ ތަފާސް ހިސާބުތައް ބަލަހައްޓާ އޮފީހުން ބުނެ އެވެ.

ރާއްޖޭގެ ތަފާސް ހިސާބުތައް ބަލަހައްޓާ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނި ގޮތުގައި މިދިޔަ މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ކަނޑުމަހުގެ އަގުތައް ވަނީ 5.24 ޕަސެންޓް ދަށްވެފަ އެވެ. އަދި ތަރުކާރީގެ ބާވަތްތައް 2.97 ޕަސެންޓް ދަށްވެފައިވާއިރު، މުނިފޫހި ފިލުވުމުގެ ހިދުމަތްތަކުގެ އަގު ވަނީ 2.16 ޕަސެންޓް ދަށްވެފަ އެވެ. އަދި އަންނައުނާއި ފައިވާނުގެ އަގުތައް ވެސް ވަނީ 0.63 ޕަސެންޓް ދަށްވެފަ އެވެ.

އަގު ދަށްވި ބާވަތްތައް

- މަސް (5.24-)
- ތަރުކާރީ (2.97-)
- މުނިފޫހި ފިލުވުމުގެ ހިދުމަތްތައް (2.16-)
- އަންނައުނާއި ފައިވާން (0.63-)

މިދިޔަ މަހު އަގުތައް މައްޗަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، މޭވާގެ އަގުތައް ވަނީ 5.90 ޕަސެންޓް މަތިވެފަ އެވެ. އަދި ކިރާއި ޗީޒް އަދި ބިހުގެ އަގުތައް ވަނީ 0.63 ޕަސެންޓް މަތިވެފަ އެވެ. މީގެ އިތުރުން ގޭގައި ގެންގުޅޭ ސާމާނުގެ އަގުތައް ވަނީ 0.67 ޕަސެންޓް މަތިވެފަ އެވެ. އަދި އެއްގަމު މަހުގެ އަގުތައް ވަނީ 1.15 ޕަސެންޓް މަތިވެފަ އެވެ. އަދި ބޭހުގެ އަގު 0.39 ޕަސެންޓް މަތިވެފައިވާއިރު، ސައިކަލްގެ އަގުތައް ވަނީ 0.58 ޕަސެންޓް މަތިވެފަ އެވެ. އަދި އެއްގައުމު ދަތުރުފަތުރުގެ އަގުތައް 0.86 ޕަސެންޓް ވަނީ އުފުލިފަ އެވެ. މީގެ އިތުރުން އެހެނިހެން މުދަލާއި ހިދުމަތުގެ ބައިގެ އަގުތައް ވެސް ހުރީ 0.13 ޕަސެންޓް މަތީގަ އެވެ.

އަގުތައް މަތިވި ބާވަތްތައް

- މޭވާ (5.90+)
- ކިރު، ޗީޒް، އަދި ބިސް (0.63+)
- ގޭގައި ގެންގުޅޭ ސާމާނު (0.67+)
- އެއްގަމު މަސް (1.15 +)
- އެއްގައުމު ދަތުރުފަތުރު (0.86+)
- އެހެނިހެން މުދަލާއި ހިދުމަތުގެ ބައި (0.13 +)

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.52 ޕަސެންޓް މަތީގަ އެވެ.