ބާޒާރުގައި ތަކެތީގެ އަގުތައް މިދިޔަ މާޗު މަހު 0.38 ޕަސަންޓު މައްޗަށް ގޮސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މާޗު މަހު އަގުތައް ވަނީ 0.38 ޕަސަންޓު އުފުލިފަ އެވެ.
މަހުގެ އަގަށް އައި ބަދަލު ނުހިމަނައި ބަލާނަމަ މާޗު މަހުގެ އިންފްލޭޝަން ހުރީ 0.34 ޕަސަންޓުގަ އެވެ.
ބާޒާރުގައި މިދިޔަ މާޗު މަހު އެންމެ ބޮޑަށް އަގު އުފުލުނީ މޭވާގެ ބާވަތްތަކުންނެވެ. މޭވާގެ އަގުތައް 4.77 ޕަސަންޓު އުފުލުނެވެ.
މާޗު މަހު އަގު އުފުލުނު އެހެން ބައެއް ބާވަތްތައް
- މަހުގެ އަގު - 1.28+
- ވައިގެ ދަތުރުފަތުރުގެ އަގު - 1.20+
- ކިރާއި، ޗީޒް އަދި ބިހުގެ އަގު - 0.37+
- ގެދޮރުގައި ބޭނުންކުރާ ހަރުމުދަލުގެ އަގު - 0.57+
- ގާމެންޓް - 0.30+
އެމްބީއެސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މޯބައިލް ފޯނުގެ އަގުތައް މާޗު މަހު 2.35 ޕަސަންޓު ވަނީ ދަށަށް ގޮސްފަ އެވެ.
ތަރުކާރީގެ އަގުތައް 0.43 ޕަސަންޓު ދަށަށް ދިޔައިރު މޯބައިލް މުވާސަލާތީ ހިދުމަތްތަކުގެ އަގު 0.22 ޕަސަންޓު އަދި ފަރުނީޗަރުގެ އަގުތައް 0.76 ޕަސަންޓު ދަށަށް ދިޔަ އެވެ.
މީގެ އިތުރުން ކަނޑު ދަތުރުފަތުރުގެ އަގުތައް މާޗު މަހު 0.44 ޕަސަންޓު ވަނީ ދަށަށް ގޮސްފަ އެވެ.