ހަބަރު

ޑޮލަރުގެ މައްސަލާގައި ނިމާލްއާ އެކު ހަތަރު މީހަކަށް ދައުވާ ކުރަނީ

ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ޑޮލަރު ގަތް މައްސަލައެއްގައި ފެނަކަ ކޯޕަރޭޝަންގެ ހަތަރު ވެރިޔަކަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާ ކުރަން ނިންމައިފި އެވެ. އެ މައްސަލާގައި ދައުވާ ކުރަނީ ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓަރާއި، ޗީފް ޓެކްނިކަލް އޮފިސަރާއި، ޑިރެކްޓާ އަދި ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލްގެ މައްޗަށެވެ.

އޭސީސީން މިއަދު ނެރުން ރިޕޯޓުގައި ބުނެފައި ވަނީ އެ ކޮމިޝަނުން ކުރި ތަހުގީގުގައި ތަފާތު ތިން ފަހަރެއްގެ މަތިން ފެނަކައިން ޝަރޫ ލޯންޗް ސާވިސް އަށް 1,158,105 ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން ތިން ލައްކަ ޑޮލަރު ގަތުމަށް ފެނަކައިން ތައްޔާރު ކުރި 4.6 މިލިއަން ރުފިޔާގެ ޕޭމަންޓް ވައުޗަރު ގައި ހުއްދަދިން ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓާ އާއި ޗީފް ޓެކްނިކަލް އޮފިސަރު ކަމަށާއި އެ ވައުޗަރާ ގުޅިގެން ތައްޔާރުކޮށްފައިވާ ޗެކްގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއި ކޮށްފައިވަނީ ޑެޕިއުޓީ ޑިރެކްޓަރު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ތިން ލައްކައަށް ވުރެ ގިނަ ޑޮލަރު ގަތުމަށް ފެނަކައިން ތައްޔާރު ކުރި 5.9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއި ކޮށްފައިވަނީ ޗީފް ޓެކްނިކަލް އޮފިސަރއާއި ޑިރެކްޓަރު ކަމަށާއި ޑޮލަރު ގަތުމަށްޓަކައި ފެނަކައިން ތައްޔާރު ކުރި 7.2 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއި ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރު ކަމަށް އޭސީސީގެ ތަހުގީގަށް ހާމަވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް އެ ތިން ފަރާތުން ޑޮލަރު ގަތުމަށް ފައިސާ ހަރަދު ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ޑޮލަރު ގަންނަނީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތަކުންތޯ ބަލާފައި ނުވާ ކަމަށާއި ޑޮލަރު ވިއްކުމަށް ހުށަހެޅި ޝަރޫއަކީ ޑޮލަރު ވިއްކުމުގެ މާލީ ގާބިލު ފަރާތެއްތޯ ބަލާފައި ނުވާ ކަމަށް އޭސީސީން ބުންޏެވެ.

ޝަރޫއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތްތަކުގެ ލިސްޓުގައި ހިމެނިފައިވާ ފަރާތެއް ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އެ ކުންފުނިން ޑޮލަރު ވިއްކަން ހުށަހަޅައި، އެ މުއާމަލާތް ކުރިޔަށް ގެންދަން ފެނަކާގެ ފައިސާއާ ބެހޭ ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އެންގީ ނިމާލްކަން އެނގެން އޮންނަ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ޝަރޫއަކީ މާލީ ގޮތުން އެފަދަ މުއާމަލާތެއް ކުރިޔަށްގެންދެވޭނެ ފަދަ މާލީ ތަނަވަސްކަމެއް ހުރި ކުންފުންޏެއްތޯ ބަލާފައެއް ނުވާ ކަމަށާއި އެ މި ކޮމިޝަނުން އެކުންފުނީގެ ބޭންކް ސްޓޭޓްމަންޓްތައް ބެލިބެލުމުން އެއީ އެފަދަ ގާބިލުކަމެއް ހުރި ކުންފުންޏެއް ނޫން ކަމަށް ވެސް އޭސީސީން ފާހަގަކޮށްފައިވެ އެވެ. އަދި އެ ކުންފުނިން ފުރަތަމަ ފަހަރަށް ޑޮލަރު ގަތުމަށް ހުށަހަޅާފައިވާ ޗެކަށްވާ ފައިސާ ނުލިބެނީސް ދެވަނަ އަދި ތިންވަނަ ފަހަރަށް ޑޮލަރު ގަތުމުގެ މުއާމަލާތް ކުރިއަށް ގެންގޮސްފައިވާ ކަންވެސް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ތަހުގީގަށް އިތުރަށް އެނގިފައިވާ ގޮތުން 2016 ވަނަ އަހަރުގެ ތެރޭގައި ޑޮލަރު ހޯދުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެކި ފަހަރުމަތިން ފެނަކަ އިން މަސައްކަތް ކޮށްފައިވާ ކަމަށާއި އެކުންފުނީގެ ބޭނުންވާ ވަރަށް އެމްއެމްއޭއިން ޑޮލަރު ހަމަޖެހިފައި ނުވާކަން ވެސް ލިޔުންތަކުން އެނގެން އޮތް ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހިމެނޭ ޑޮލަރު މުއާމަލާތު ކުރި އެ އަހަރުގެ އޭޕްރީލް މަހާއި ނޮވެންބަރު މަހާ ދެމެދު މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެ އެމްއެމްއޭ މެދުވެރިކޮށް ޑޮލަރު ހޯދުމަށް ފެނަކައިން އެއްވެސް މަސައްކަތެއް ކޮށްފާ ނުވާ ކަމަށާއި ފެނަކަ އިން އަވަހަށް ޑޮލަރު ބޭނުންވެގެން އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ޑޮލަރު ހޯދުމަށް ފެނަކަ އިން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެޑްވާންސްކޮށް ހަރަދު ކުރުމަށްފަހު ޝަރޫއިން ޑޮލަރު ގަތުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމުގެ ސަބަބުން ޑޮލަރު ވިއްކުމަށް ޗެކް ހުށަހެޅި ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ލިބިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެހެންކަމުން އެ މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި ޑޮލަރު ގަތުމަށް ފައިސާ ހަރަދު ކުރުމުގެ ހުއްދަދީފައިވާ ހަތަރު މީހުންގެ މައްޗައް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށްވަނީ ފޮނުވިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭގެ އިތުރުން ފެނަކައިން ޝަރޫއަށް އެޑްވާންސްކޮށް ފައިސާ ދެއްކި އިރު ޑޮލަރުގެ ބަދަލުގައި އެކުންފުނިން ފެނަކައަށް ދީފައިވަނީ މޮރިޝަސް ކޮމާޝަލް ބޭންކްގެ ބޭންކް ގެރެންޓީ ތައްގަނޑު ޖަހާފައިވާ އެއް މަސްދުވަހުގެ ޑޭޓެޑް ޗެކްތަކެއް ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް އެއީ ބޭނުންކުރާ ތައްގަނޑެއް ނޫން ކަމަށާއި އެ ބޭންކްގެ އިންޓާނަލް ލިޔުންތަކުގައި ބޭނުންކުރުމަށް ބޭނުންކުރާ ތައްގަނޑެއް ކަމަށް މޮރިޝަސް ކޮމާޝަލް ބޭންކުން ބަޔާންކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެހެންކަމުން އެ ޗެކުގައި ޖަހާފައިވާ ތައްގަނޑު ޖަހާފައިވަނީ މަކަރާ ހީލަތް ހެދުމުގެ ގޮތުން ކަމަށް އޭސީސީއަށް ފާހަގަކުރެވިފައިވާތީ އެ މައްސަލަ ބެލުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.