ދުނިޔެ

ސައުދީއާ ގުޅުން ބަދަހިކުރަން މިތިބީ ތައްޔާރަށް: އީރާނު

ޔަމަނަށް ބޮން އެޅުން ހުއްޓާލައި އިޒްރޭލާ އެކު އޮންނަ 'މަގުފުރެދިފައިވާ ގުޅުން' ކަނޑައިލަނިކޮށް ސައުދީ އަރަބިއްޔާއާ ގުޅުން ބަދަހިކުރަން އީރާނު އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާއިން މިދިޔަ 2016 ވަަނަ އަހަރުގެ ޖެނުއަރީ މަހު އީރާނާ ސިޔާސީ ގުޅުން ކަނޑައިލީ އީރާނުގެ ވެރިރަށް ތެހެރާނުގައިވާ ސައުދީ އެމްބަސީއަށް އީރާނު މީހުން ގެއްލުން ދިނުމުންނެވެ. އެ އެމްބަސީއަށް ގެއްލުން ދިނީ ޝިޔައީންގެ ލީޑަރަކަށް ސައުދީގައި މަރުގެ އަދަބު ދިނުމުން އެކަމާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ.

" އަހަރެމެންގެ އަވަށްޓެރި ގައުމެއް ކަމަށްވާ ސައުދީ އަރަބިއްޔާއިން ޔަމަނަށް ބޮން އެޅުން މާދަމާ ހުއްޓައިލިޔަސް، އަދި އެގައުމުގެ ރައްޔިތުންނަށް ބަރޯސާކޮށް، އިޒްރޭލާ ދެކޮޅަށް ތެދުވެއްޖެ ނަމަ، އެމީހުންނާ ގުޅުން ބަދަހިކުރުމަށް ހުރަހެެއް އޮތް ކަމަކަށް އަހަރެމެން ނުދެކެން،" ރޫހާނީ ވިދާޅުވި ކަމަށް އަލް ޖަޒީރާގެ ހަބަރުގައި ވެއެވެ.

އީރާނު މީހުންނަކީ އެމެރިކާހެން ވައުދާ ހިލާފުވާނެ ބައެއް ނޫން ކަމަށް ވިދާޅުވެ، ރޫހާނީ ވަނީ ނިއުކްލިއަ މުއާހަދާގެ މައްސަލައިގައި އެމެރިކާއަށް ވެސް ފާޑުވިދާޅުވެފައެވެ.

" ނިއުކްލިއަ އެއްބަސްވުމާ ހިލާފުވި ބަޔަކީ އަހަރެމެންނެއް ނޫން. އަނެއް ފަރާތުން އެގޮތަށް ކަންތައް ކުރަންޏާ އަހަރެމެންނަށް ވެސް ހުންނާނެ ކުރެވޭނެ ކަންތައްތަކެއް،" ރޫހާނީ ވިދާޅުވެފަައި ވެއެވެ.

އީރާނުގެ ޓީވީތަކުން މިއަދު ދުރަށް ދެއްކި ތަގުރީރު ނިްމަވައިލައްވަމުން އޭނާ ވިދާޅުވީ ފަލަސްތީނު މައްސަލައިގައި އެމެރިކާއާއި ޒަޔަނިސްޓުން ރާވާ މަކަރުވެރި ރޭވުން ކާމިޔާބުކުރާނެ ކަމަށެވެ. އަދި މުސްލިމު ގައުުމުތަކުން ގުދުސް ވަރަށް އަވަހަށް މިނިވަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނު މީހުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށާއި އިޒްރޭލަށް ހަމަލާ ދޭނެ ކަަމަށް ދައްކާ ވާހަކައަކީ އީރާނުން އާއްމުކޮށް ދައްކަމުން އަންނަތާ ގިނަ އަަހަރުތަކެއް ވެފައިވާ ހުސް ވާހަކަތަކެކެވެ. އީރާނުން މަދަދުދޭ ހިޒްބުﷲ ނަމަކަށް ކިޔާ ޓެރަރިސްޓް ޖަމާއަތަކުން އިޒްރޭލާ ދެކޮޅަށް ދިން ގިނަ ހަމަލާތައް ދީފައި ވަނީ ލުބުނާނުގެ ދިފާއުގައެވެ. އެ ޖަމާއަތް މަރުކަޒުކޮށް، ހަރަކާތްތެރިވަމުން އަންނަނީ ވެސް ލުބުނާނުގައެވެ. ނަމަވެސް ސޫރިޔާ ހަނގުރާމަ ފެށުމުން އެގައުމުގެ ރައީސް ބައްޝާރުލް އަސަދާ އެއްކޮޅަށް އެޖަމާއަތުން ވަނީ ބައިވެރިވެފައެވެ. އެމީހުން ވަނީ ސޫރިޔާގެ ސުންނީނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާތަކެއް ވެސް ހިންގާފައެވެ.