ދުނިޔެ

ކެލިފޯނިއާ އަލިފާންގަނޑު ދެރަށަކަށް ފެތުރުމުގެ ބިރު ބޮޑުވެއްޖެ

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުވެ، އެ ސަރަހައްދުގައިވާ ބޮޑު ދެރަށަކަށް ފެތުރިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ތޯމަސް ފަޔާ ގެ ނަން ދީފައިވާ އަލިފާން ގަނޑު ކޮންޓްރޯލް ކުޑަކޮށް ކޮންޓްރޯލް ވުމަށް ފަހު އިތުރަށް ވަރުގަދަ ވުމުން ސަންތާ ބާބަރާ ނަމަކަށް ކިޔާ ރަށާއި ކާޕިންޓީރިއާ ނަމަކަށް ކިޔާ ރަށަށް އެއަލިފާންގަނޑު ފެތުރިދާނެ ކަަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.

ސަންތާ ބާބަރާ އަކީ 91000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. ކާޕިންޓީރިއާގައި 13000 އަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ. އެ ދެރަށުން ވެސް އަލިފާނުގެ އަސަަރު އެންމެ އަވަހަށް ކުރާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ދޫކޮށް ދިއުމަށް ކެލިފޯނިއާގެ ސަރަހައްދީ ސަރުކާރުން މިހާރު ވަނީ މީހުންނަށް އަންގާފައެވެ.

ތޯމަސް ފަޔާގެ އިތުރުންް ކެލިފޯނިއާ ސްޓޭޓުގައި އެހެން ބައެެއް އަލިފާންގަނޑުތައް ވެސް ދިޔައީ އަނދަމުންނެވެ. އެ ސްޓޭޓްގެ އަލިފާން ނިވާ މީހުން އިއްޔެގައި ބުނީ އެހެން އަލިފާންގަނޑުތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ތޯމަސް ފަޔާ ކޮންޓްރޯލު ނުވެ އަނދަމުން ގޮސް، ޝިކާގޯއާ އެއްވަރުގެ ސަރަހައްދެއް އަނދާފައިވާ ކަމަށް އަލިފާން ނިވާ މީހުންނާ ހަވާލާދީ ބީބީސީ ބުންޏެވެ.


ކެލިފޯނިއާގެ އަލިފާންގަނޑުތަކުން ސަލާމަތްވާ ގެދޮރު ދޫކޮށް ދިޔަ މީހުންގެ އަދަދު މިހާރު ވަނީ ލައްކައަކަށް ވުރެ މަތިވެފައެވެ.


އަލިފާނުން ސަލާމަތް ވާން ގެދޮރު ދޫކޮށް ދިޔަ މީހުން ބައިތިއްބާފައި ތީ ރައްކާތެރި ހިސާބުތަކުގައިވާ ސްކޫލުތަކާއި ހުސްބިންތަކުގައެވެ.

ކެލިފޯނިއާގެ ޖަންގަލިތަކުގައި މިއަހަރުގެ އޮކްޓޯބަރުމަހުވެސް އަލިފާން ރޯވިއެވެ. އެފަހަރު 13 މީހުން މަރުވެ، 2000 އިމާރާތް ހަލާކުވިއެވެ.