ދުނިޔެ

ބޯޑަރު މައްސަލަ ހައްލުވީ އިންޑިއާ މުހިއްމު ވީމާ: ޗައިނާ

އިންޑިއާ އާއި ޗައިނާ ގުޅޭ ސަރަހައްދީ ރޮނގުގައިވާ ޑޮކްލާމްގައި އުފެދުނު ހަމަނުޖެހުމުގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލު ކުރެވުނީ އިންޑިއާއާއެކު އޮންނަ ގުޅުން ޗައިނާއަށް މުހިއްމު ވީމާ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗަައިނާގެ ފޮރިން މިނިސްޓަރު ވާންޔީ އިއްޔެގައި ވިދާޅުވީ މައްސަލައަށް ސުލްހަވެރި ހައްލެއް ލިބުމަކީ އުފެދޭ ކުދި ގަޑުބަޑަށް ވުރެ، ދެގައުމުގެ ސްޓެރެޓީޖިކް މަސްލަހަތު ބޮޑުކަން ދައްކައިދޭ ކަމެެއް ކަމަށެވެ.

ވާންޔީ މިމޭރުމުން ވާހަކަފުޅު ދެއްކެވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ފަށާ ބައްދަލުވުމަކަށް އެގައުމަށް ވަޑައިގަންނަވަން އުޅުއްވަމުންނެވެ. ނިއުދިއްލީގައި މިއަދު ބާއްވާ ބައްދަލުވުމަކީ ޗައިނާއާއި އިންޑިއާ އަދި ރަޝިޔާގެ ފޮރިން މިނިސްޓަރުން ބައިވެރިވަޑައިގަންނަވާ ބައްދަލުވުމެކެވެ.

ވާން ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް އަވަށްޓެރިކަމާއި އެކުވެރިކަމުގެ ގުޅުމުގެ އަގު ޗައިނާއިން އަބަދުވެސް ވަޒަންކުރާ ކަމަށެވެ.

"އަހަރެމެންގެ އެއް ބަޔަކީ އަނެއް ބައެއްގެ ބޮޑެތި އަވަށްޓެރިން. އަދި އަހަރެމެންނަކީ ގަދީމީ ދެ ހާޟާރާތް،" ވާން ވިދާޅުވި ކަމަށް ހިންދުސްތާން ޓައިމްސްގެ ހަބަރުގައި ވެއެވެ.

އިންޑިއާ އާއި ޗައިނާއާއިން އެ ސަރަހައްދަކާ މެދު އަރައިރުންވާ ސަރަހައްދަށް އިންޑިއާއިން ކިޔަނީ ޑޮކްލާމްއެވެ. ޗައިނާއިން ކިޔަނީ ޑޮންގްލާންގް އެވެ. އެ ސަރަހައްދުގައި އެންމެ ފަހުން ހިނގި އަރައިރުން އުފެދުނީ އިންޑިއާއިން އެގައުމުގެ ސަރަހައްދު ކަަމަށް ދަައުވާ ކުރާ ސަރަހައްދަކަށް އިންޑިއާގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިިން ވަނުމުންނެވެ. ޗައިނާއިން ދެކެނީ އެ ސިފައިން ވަނީ އެގައުމުގެ ސަރަހައްދަށް ކަމަށެވެ. އެ މައްސަލައިގައި ދެގައުމުގެ ސިފައިން ކުރިމަތިލުމަކަށް ނުގޮސް ތިބީ ހަމަ ކިރިޔާއެވެ. އެއް ބަޔަކަކާ ކުރިމަތިލައިގެން ދުވަސްތަކެއް ވަންދެން ތިއްބެވެ.

އެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކޮށްފައިވާ ކަމަށް ވާން ވިދާޅުވި ނަމަވެސް ހާދިސަ ހިނގި ގޮތާ ބެހޭ ގޮތުން ޗައިނާއިން ފުރަތަމަ ދުވަހުން ފެށިގެން ދައްކަމުން އައި ވާހަކަ ބަދަލުކޮށްފައެއް ނުވެއެވެ. ފާއިތުވި ހަފްތާގައި އޭނާ ވިދާޅުވީ "އިންޑިއާ ސިފައިން ސަރަހައްދީ ރޮނގު ހުރަސްކޮށް ޑޮންގްލާންގް ސަރަހައްދަށް ވަތް މައްސަލަ ޑިިޕްލޮމެޓިކް ގޮތުން ހައްލުކޮށްފައިވާ" ކަމަށެވެ.

ޗައިނާއާ އިންޑިއާއާ ދެމެދު ބޮޑު ވާދަވެރިކަމެއް އޮތަސް އެ ދެ ގައުމަކީ އެއްގައުމު އަނެއް ގައުމާ ވަކިނުވެވޭ ވަރަށް ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ގުޅިފައިވާ ދެ ގައުމެވެ. ދެބައިމީހުންގެ ވާދަވެރިކަން އޮތީ ސަރަހައްދަށް ނުފޫޒު ފޯރުވުމުގައެވެ.