ދުނިޔެ

ޕުޓިން ސީރިޔާއަށް ވަޑައިގެން ލަޝްކަރުތައް ފައިބަން އަންގަވައިފި

ސޫރިޔާ ހަނގުރާމައިގައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދަށް އެހީތެރިވާން އެގައުމަށް ފޮނުވި ރަޝިޔާގެ ލަޝްކަރުތައްް އަނބުރައި ގެންދަން ރައީސް ލަޑީމިއާ ޕުޓިން އަންގަވައިފިއެވެ.

ބީބީސީ ބުނީ ސޫރިޔާގައި ތިބި ރަޝިޔާގެ ލަޝްކަރުތަކުގެ އެއްބައި އެނބުރި ގައުމަށް ދާން ޕުޓިން އަމުރު ކުރެއްވީ ކުރިން އިއުލާނު ކުރެއްވުމަކާ ނުލައި އެގައުމަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށެވެ.

" އަރަބި ބަހާރުގެ" ގޮތުގައި މަޝްހޫރުވި އުތުރި އެރުންތައް އަހުލީ ހަނގުރާމައަކަށް ބަދަލުވެ، ސޫރިޔާގެ ބޮޑުބައެއް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔަ ފަހުން ހަ އަހަރު ވެފައި ވަނިކޮށް، އަސަދުގެ ސަރުކާރަށް ފަހަކަށް އައިސް ހޯދުނު ކާމިޔާބީ ތަކުގައި ރަޝިޔާގެ ދައުރު ބޮޑެވެ. އެ ކާމިޔާބީތައް ލިބެން ފެށީ މިދިޔަ އަހަރުއެވެ. އެހެންވެ، ރަޝިޔާގެ ލަޝްކަރުތައް އަނބުރާ ގެންދާނެ ކަން ޕުޓިން މިދިޔަ އަހަރުވެސް އިއުލާނު ކުރިއެވެ. ނަމަވެސް އެކަން ހަގީގަތަކަށް ނުވެއެވެ.

ރަޝިޔާގެ ލަޝްކަރުތައް ސޫރިޔާއިން ހުސްކުރަން ކިހާ ދުވަހެއް ހޭދަވާނެތޯ ޕުޓިންއަށް ދެންނެވުމުން ވިދާޅުވެފައި ވަނީ އެކަން ބިނާވާނީ ސޫރިޔާގެ ހާލަތަށް ކަަމަށެވެ.

ޕުޓިންގެ މިފަހަރުގެ ދަރުތުފުޅުގައި ވަޑައިގެންނެވީ ލަޓާކިއާގައިވާ ހުމައިމް އެއާބޭހަށެވެ. އެތަނުގައި އޭނާ ވަނީ އަސަދާ ބައްދަލުކުރައްވާފައެވެ.

ސޫރިޔާ ހަނގުރާމަ އަކީ ދާހިލީ ހަނގުރާމައެއް ކަމަށް ދުނިޔެއިން ސިފަ ކުރިޔަސް އެ ހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، އީރާން، ތުރުކީ އަދި ބައެއް އަރަބިގައުމުތަކުން ވެސް ބައިވެރިވެއެވެ. އެހަނގުރާމައިގައި ހަލައްކައެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ވަނީ ރެފިއުޖީންނަށް ވެފައެވެ.