ދުނިޔެ

ފެންވަރުދަށް މުދާ މަނާ ކުރާ ގާނޫނާ ހެދި ލަންކާ ޕާލަމެންޓް ހޫނުވެއްޖެ

ފެންވަރާއި އަގުދަށް މުދާތައް ހައްދެއް ނެތި އިމްޕޯޓް ކުރުން މަނާ ކުރާ ގާނޫނެއް ހެދުމަށް އަވަށްޓެރި ސްރީލަންކާ ޕާލަމެންޓުގައި އިއްޔެ ކުރި ބަހުސް ވަރަށް ހޫނުވެއްޖެއެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ ލަންކާ ޕާލަމެންޓުގައި ސަރުކާރު މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ޒުވާބު ހޫނުވީ އަވަސް އަރުވާލައިގެން ގާނޫނު ފާސްކުރަން ސަރުކާރުން ބޭނުން ވުމުން ކަމަށެވެ.

'އެންޓި ޑަމްޕިން ބިލް' ގެ ނަމުގައި ހުށަހަޅާފައިވާ ދެލިކޮޕީ އަވަހަށް ގާނޫނަކަށް ބަދަލު ކުރަން ލަންކާ ސަރުކާރުން ބޭނުން ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކުރަން ވެގެންނެވެ. ލަންކާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމް ކުރަން އުޅެނީ އަވަށްޓެރި އިންޑިއާއާއި ޗައިނާއާއި ސިންގަޕޫރާ އެކުގައެވެ.

ލަންކާގެ މިނިސްޓަރް އޮފް ޑިވެލޮޕްމެންޓް ސްޓްރެޓެޖީސް އެންޑް އިންޓަނޭޝަނަލް ޓްރޭޑް މާލިކު ސަމަރަވިކްރަމަ އިއްޔެ ވިދާޅުވީ އަންނަ ޖެނުއަރީ މަހު ސިންގަޕޫރާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރުން ގަސްދުކުރާ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއާއި ޗައިނާގެ އިތުރުން އެހެން ބައެއް ގައުމުތަކާ އެކުގަައި ވެސް އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށެވެ. އެ އެއްބަސްވުންތަކަށް އަމަލުކުރަން ފެށުމުގެ ކުރިން ގާނޫނު ފާސްކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅުން ބުނީ އެގާނޫނަށް ވޯޓަށް އެހޭނީ އަންނަ ޖެނުއަރީ މަހު ކަމަށެވެ. އަދި ބުނީ އެ ބިލު އިއްޔެ ހުށަހަޅަން ޕާޓީތަކުން އެއްބަސްވެފައި ނުވާ ކަމަށެވެ.