ދުނިޔެ

ތޫފާނުގައި ގެއްލުނު މަސްވެރިން ނުހޯދޭތީ ކެރެލާ މީހުން މުޒާހަރާކޮށްފި

އަވަށްޓެރި އިންޑިއާއަށާއި ސްރީލަންކާއަށް އެރި ތޫފާން އޯޗީގައި އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓުން ގެއްލުނު މަސްވެރިން ހޯދަން އިންޑިއާ ސަރުކާރުން މަސައްކަތްކުރާ މިންވަރާ މެދު ހިތްހަމަނުޖެހިގެން މަސްވެރި އާއިލާތަކުން މުޒާހަރާކޮށްފިއެވެ.

ދަ ހިންދޫ ނޫހުން ބުނީ ގެއްލުނު މީހުން އަވަހަށް ހޯދަން މަސައްކަތް ކުރުމަަށް ގޮވާލައި، އިއްޔެ ކުރީ މުޒާހަރާގެ ބައިވެރިން، ކެރެލާއާ ޓެމިލްނާޑޫއާ ދެމެދު އޮންނަ ހައިވޭ އެއް ބަަންދުކުރި ކަމަށެވެ. މުޒާހަރާގައި ބައިވެރިވީ ޕޮޒިޔޫރް ނަމަކަށް ކިޔާ ސަރަހައްދާއި އަޑިމަލަތުރާ ނަކަމަކަަށް ކިޔާ ސަރަހައްދުގެ މީހުންނެވެ.

ހައިވޭ ބަންދުކޮށްގެން ތިބި މަސްވެރި އާއިލާތައް އެކަން ހުއްޓައިލާތޯ އެމީހުންނާ ބައްދަލުކުރެއްވީ އެޑިޝަނަލް ޑިސްޓްރިކްޓް ކޯޓުގެ މެޖިސްޓްރޭޓް ޖޯން ސަމުއެލް އެވެ. އެމީހުންނާ ބައްދަލުކުރެއްވުމަށް ފަހު އޭނާ ވިދާޅުވެފައި ވަނީ މަސްވެރިން ހޯދަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާކަން ގަބޫލު ކުރެވޭ ވަރަށް އެމީހުންނަށް ވިސްނައި ނުދެއްވުނު ކަމަށެވެ. އަދި އެމީހުން ބޭނުން ވަނީ ކޯސްޓްގާޑް އުޅަނދުތަކާއި އަސްކަރީ މަތިންްދާބޯޓުތަކުގައި މަސްވެރިން ގެންނަތަން ދެކެން ކަމަށް ވެސް ވިދާޅުވިއެވެ.

ތޫފާން އޯޗީގެ ސަބަބުން ކެރެލާއަށާއި ޓެމިލްނާޑޫއަށާއި ލަކްޝަދްވީޕް ޖަޒީރާތަކަަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. ކެރެލާއާއި ޓެމިލްނާޑޫން ތޫފާނުގައި ވިއްސަކަށް މީހުން މަރުވި އިރު 200 ވަރަކަށް މަސްވެރިން ވަނީ ގެއްލިފައެވެ. އެމީހުން ހޯދުމުގެ މަސައްކަތް އިންޑިއާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން އަންނީ ކުރަމުންނެވެ. އެ ހަރަކާތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުވެސް ވަނީ ބަލާފައެވެ.