ހަބަރު

ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ހުދުމުހުތާރު އަމަލެއް: އެމްޑީޕީ

ހުއްދަ ނުހޯދާ ބޭރުގެ ސަފީރަކާ ބައްދަލުކުރި މައްސަލައިގައި ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން ސަސްޕެންޑް ކުރި ކުރުމަކީ ރައްޔިތުންގެ ތާއީދު ސަރުކާރަށް ގެއްލި މުޅި ނިޒާމު މުށުތެރެއަށްލުމަށް ކުރާ ހުދުމުހުތާރު ކަމެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތާއެކު އިންތިހާބުވެފައިވާ ކައުންސިލަރުންގެ ހުރިހާ ކަމެއް ގަދަ ބާރުން ހިފެހެެއްޓުމުގެ އެއްވެސް ގާނޫނީ ބާރެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ލިބިގެންނުވާ ކަމަށެވެ. އަދި އެލްޖީއޭ އިން މިހާރު ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލުމަށާއި އެ އޮތޯރިޓީގެ އެފަދަ ނިންމުންތަކުން ގާނޫނު އަސާސީގައި ބަޔާންކުރާފަދަ ލާމަރުކަޒީ ނިޒާމެއް ބިނާކުރުމުގެ ނިޔަތެއް ނެތް ކަން ހާމަވާ ކަމަށް ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އެހީތެރިވުމަށް ބޭރުގެ ގައުމުތަކުގެ ސަފީރުން ރާއްޖޭގެ ހާލަތާއި މަސައްކަތްތައް ބެލުމަކީ ރާއްޖެއަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމެއް ކަމަށާއި ވަކިން ހާއްސަކޮށް ކައުންސިލަރުންނާ ބައްދަލުކުރެއްވުމުން ރަށު ތަރައްގީގެ ކަންކަން ގާތުން އެނގިގެންދާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހާމަކަން ބޮޑު ގޮތެއްގައި ރާއްޖޭގެ ރަށްރަށުގެ ހާލަތާ ގުޅޭ މައުލޫމާތު ބޭރުގެ ގައުމުތަކަށް ލިބިގެންދާނެ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ބޭރުގެ ސަފީރުންނާއި ގުޅުންތައް ބަދަހިކުރުމަށް ފުރުސަތު ދިނުމަކީ މި ސަރުކާރުގެ ޒިންމާއެއް ކަމަށާއި ސަރުކާރުން އެފަދަ ކަންކަމަށް ނުފޫޒު ފޯރުވައި، ރައްޔިތުންނަށް ހުޅުވޭ ދޮރުތައް ބަންދުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކައުންސިލަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ޖާގަ ދިނުމަށާއި މިހާރުން މިހާރަށް ގއ. އަތޮޅު ކައުންސިލަރުންގެ ސަސްޕެންޝަން އުވާލަން އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

އެލްޖީއޭ އިން ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ ތިން މަސް ދުވަހަށެވެ. އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގު ސޮއި ކުރައްވާ ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ފޮނުއްސި ސިޓީއެއްގައި ބުނެފައި ވަނީ ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އެހެން ވެސް ބޭރުގެ ޖަމާއަތްތަކާ ބައްދަލު ކުރަން ވާނީ އެލްޖީއޭގެ ހުއްދަ ނަގައިގެން ކަމަށް އެ އޮތޯރިޓީ އިން ނިންމައި އެކަން އަންގާފައި ވަނިކޮށް ގއ އަތޮޅު ކައުންސިލުން ބޭރު ގައުމެއްގެ ސަފީރަކާ ބައްދަލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ގއ. ކައުންސިލްގެ މެންބަރުން ބުނީ، ހޯމް މިނިސްޓްރީން ހުއްދަ ހޯދައިގެން ނޫން ގޮަތަކަށް ބޭރުގެ ސަފީރުންނާ ބައްދަލު ނުކުރަން އަންގައި ލޯކަލް ގަވަމެންޓް އޮތޯރިޓީން ފޮނުވި ސާކިއުލާ ލިބުނީ އިންޑިއާ ސަފީރާ ބައްދަލުކޮށް ނިމުނު ފަހުން ކަމަށެވެ.