ޕްރަވެޓައިޒޭޝަން

އެސްއޯއީތައް ހިންގުން ހަރުދަނާކުރަން އާ ގަވައިދެއް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނަގާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތް ހިމަނައިގެން ކުންފުނިތަކުން އަމަލުކުރަންޖެހޭ ގަވައިދެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކުލަވާލައިފި އެވެ.

ޕީސީބީ އިން މިފަދަ ގަވައިދެއް ހެދީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއް ނުވަތަ ހުރިހާ އެސްއޯއީތަކުން އަމަލުކުރާނެ އާންމު އެއް އުސޫލެއް އޮންނަންޖެހޭ ކަމަށް ފެންނާތީ އެވެ.

ޕީސީބީ އިން މިދިޔަ ބުދަ ދުވަހު ފާސްކުރި ގަވައިދުގައިވާ ގޮތުން އެސްއޯއީ އަކުން ލޯން ނަގާނަމަ ޕީސީބީގެ އުސޫލުތައް ފުރިހަމަކުރުމަށްފަހު ހިއްސާދާރުންގެ ހުއްދަ ހޯދަންޖެހެ އެވެ. އަދި ލޯން ނަގަން ފާސްކުރާތާ ފަސް ދުވަހުގެ ތެރޭގައި ޕީސީބީއަށް އެކަން އެންގުމަށްފަހު ލޯން ނެގުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ހުށަހަޅަންޖެހެ އެވެ.

ޕީސީބީ އިން "ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް"ގެ ނަމުގައި އެކުލަވާލި ގަވައިދުގައި އެސްއޯއީތައް ގިންތިކުރުމާއި، މެނޭޖިން ޑިރެކްޓަރުން، ޗެއާމަނުން އަދި ބޯޑު މެމްބަރުންގެ އިނާޔަތްތައް ދެވޭނެ ގޮތްތަކެއްވެސްވެ އެވެ.

ޕީސީބީ އިން ކުރިން އަމަލުކުރަމުން ދިޔަ ގަވައިދުގައި އަލަށް އުފައްދާ އެސްއޯއީތައް ގިންތިކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާތީ އެކަމަށް އާ ގަވައިދުގައި ގޮތްތަކެއް ކަނޑައަޅާފައިވެ އެވެ. އަލަށް އުފައްދާ ކުންފުނިތައް ގިންތި ކުރާނީ އެ ކުންފުންޏެއް އުފެއްދި މަގުސަދާއި ރައުސުލްމާލަށް ބަލައިގެން ފިނޭންސްގެ ލަފައާއި އެކު ޕީސީބީންނެވެ.

ބޮޑެތި ބަދަލުތަކަކާ އެކު އެކުލަވާލި ގަވައިދަށް އެސްއޯއީތަކުން ފުރިހަމައަށް އަމަލުކުރުމަށްވެސް ޕީސީބީ އިން ވަނީ އަންގާފަ އެވެ.