ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރު 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 10.3 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި 11.4 ބިލިއަން ރުފިޔާއަށްވުރެ 1.1 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
ދައުލަތުގެ ބަޖެޓުގައި މި އަހަރު ޕީއެސްއައިޕީއަށް ފުރަތަމަ ކަނޑައެޅީ 8.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އޮކްޓޫބަރު މަހު ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓްގައި ޕީއެސްއައިޕީއަށް އިތުރު ދެ ބިލިއަން ރުފިޔާ ހިމެނި އެވެ. މި އަދަދާއެކު ޕީއެސްއައިޕީ ބަޖެޓް 10.9 ބިލިއަން ރުފިޔާއަށް އިތުރުވި އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑު ހޭދައެއްކުރީ އެއާޕޯޓް މަޝްރޫއުތަކަށެވެ. އެއާޕޯޓް މަޝްރޫއުތަކަށް 2.7 ބިލިއަން ރުފިޔާ ހަރަދުކުރިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް ދެ ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ބްރިޖު މަޝްރޫއަށް އެއް ބިލިއަން ރުފިޔާ ހަރަދުކުރިއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 619 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަޝްރޫއުތަކަށް 614 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އަދި ހައުސިން މަޝްރޫއުތަކަށް 775.4 މިލިއަން ރުފިޔާ ހޭދަކުރި އެވެ.