ހަބަރު

ތައިލޭންޑާއި މިސްރުގެ އާ ސަފީރު ފަތްކޮޅު އަރުވައިފި

ތައިލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޗުލާމަނީ ޝާޓްސުވޭން އާއި މިސްރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހުސައިން އެލް ސަހާޓީ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް އަރުއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފަތްކޮޅު އެރުއްވުމަށްފަހު، މިސްރުގެ އާ ސަފީރާއި ރައީސް ބައްދަލުކުރައްވައި ވިދާޅުވީ، މިއަހަރަކީ ރާއްޖެއާއި މިސްރާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 29 އަހަރު ފުރޭ އަހަރުކަމަށާއި ދެ ގައުމުގެ ގާތް އެކުވެރި ގުޅުމަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުން ވަރަށް އަހައްމިއްޔަތުކަން ދޭކަމަށެވެ.

ރައީސް ވިދާޅުވީ، 2019 އިން 2020 ވަނަ އަހަރަށް، އދ ގެ ސެކިއުރިޓީ ކައުންސިލުގެ މެމްބަރަކަށް ވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށާއި ކޮންމެ ގައުމަކަށްވެސް އދ ގެ ހުރިހާ ގުނަވަނެއްގައިވެސް މަސައްކަތްކުރުމުގެ ހަމަހަމަ ފުރުސަތު އޮންނަން ޖެހޭނެ ކަަމަށެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދުނިޔެ ހޫނުވަމުންދާ މައްސަލަ ފަދަ ތިމާވެށީގެ ބޮޑެތި މައްސަލަތައް ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ރާއްޖެއިން މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، އަލް އަޒްހަރު ޔުނިވަސިޓީން ކިޔަވަން ޝައުގުވެރިވާ ދިވެހި ޒުވާނުން އިތުރުވަމުންދާތީ ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލާޝިޕްގެ ފުރުސަތު އިތުރުކޮށްދެއްވުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައި ވެއެވެ.

ބައްދަލުވުމުގައި މިސްރުގެ އާ ސަފީރު ވިދާޅުވީ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ފަތްކޮޅު އެރުއްވުމަށްފަހު، ތައިލެންޑްގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި ވިދާޅުވީ، ރާއްޖެ އާއި ތައިލޭންޑާއި ދެމެދު އޮތް ދުވަސްވީ ގާތް ގުޅުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން އިސްކަންދެއްވާނެ ކަމަށެވެ. އަދި ތައިލެންޑްގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރު ކުރެއްވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ބައްދަލުވުމުގައި ތައިލެންޑްގެ އާ ސަފީރު ވިދާޅުވީ، ތައިލެންޑްގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރުކުރެއްވުމަށް ރައީސް ޔާމީން ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ތައިލެންޑުން އެކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.