ހަބަރު

"ފާރިސް ބަންދުގައި ބެހެއްޓުމަކީ ސަރުކާރުން ހަދާ ވަރަށް ބޮޑު ގޯހެއް"

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ޖަލުން މިނިވަންނުކޮށް ބެހެއްޓުމަކީ މި ސަރުކާރުން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ހ. ތެމާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ، ފާރިސް ހުންނެވީ ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށާއި އިތުރު 150 ދުވަސް ނުވަތަ 300 ދުވަހު ޖަލުގައި އޮންނަން ޖެހުނު ކަމުގައިވީ ނަމަވެސް ފާރިސް ފަހަތައް ނުޖެހޭނެ ކަމަށެވެ. އަދި ިއިސްލާހީ މަސައްކަތުގައި ދެމި ހުންނާނެ ކަމަށާއި ފާރިސް ދޫ ދީފާނެ ކަމަށް ހީކޮށް ފަހަތައް ޖެހިދާނެ ކަމަށް ހީކޮށް ޖަލުން މިނިވަން ނުކޮށް ބޭއްވުމަކީ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު އެއް ގޯސް ކަމަށް އަމީތު ވިދާޅުވި އެވެ.

"މީގެން އެއްވެސް ބެފުޅަކީ ގޭ ބަންދުގައިވެސް ބެހެއްޓޭނެ ބޭފުޅުންނެއް ނޫން، ފާރިސް ހުންނެވީ ވަރަށް ވަރުގަދަކޮށް ވަރަށް ވަރުގަދަ އަޒުމެއްގައި، އަދި އިތުރު 150 ދުވަސް އޭގެ މައްޗަށް 300 ދުވަސް ޖަލުގައި އޮންނަން ޖެހުނު ކަމުގައިވީ ނަމަވެސް ފާރިސް ފަހަތައް ނުޖެހޭނެ، މަސައްކަތުގައި ދެމި ހުންނަވާނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، ފާރިސް އާއި ބައްދަލުކުރައްވައި އިސްލާހީ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާ ކަމަށެވެ. އެގޮތުން ފާރިސްގެ މެސެޖަކީ އޭނާ އަށް ޖަލުގައި އޮވެވިދާނެ ކަމަށާއި ނުހައްގުން އަދި ކިތަންމެ ބޮޑު އަނިޔާއެއް ދިން ކަމުގައިވީ ނަމަވެސް އެ އަނިޔާ ތަހަންމަލް ކުރެވިދާނެ ކަމަށެވެ. އަދި އިސްލާހަށް ފެށި މަސައްކަތަށް ހުއްޓުމެއް ގެނެސްގެން ނުވާނެ ކަމަށާއި ފަހަތައް ނުޖެހުމަށް ފާރިސް ގޮވާލާފައިވާ ކަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، ފާރިސް ގެ އެދުމަކީ ރައްޔިތުންވެސް އިސްލާހަށް މިކުރާ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށާއި އެއްގޮތަކަށް ފަހަތަށް ޖެހިގެން ނުވާނެ ކަމަށެވެ. އަދި އަމީތު ވިދާޅުވީ، ކިތަންމެ ގޮތަކަށް ޖަލުގައި ހުންނަން ޖެހުނަސް ފަހަތައް ޖެހުމެއްނެތި އަޒުމުގައި ހުންނާނެ ކަމަށާއި އެ މަސައްކަތް ކާމިޔާބު ކޮށްފައި ނޫނީ ހުއްޓާ ނުލާނެ ކަމަށް ފާރިސް ވިދާޅުވެފައިވާ ކަމަށެވެ.

"ފާރިސްގެ މެސެޖަކީ ފަހަތަށް ނުޖެހުން، އޭނާ އަށް ޖަލުގައި އޮވެވިދާނެ، ނުހައްގުން އަދި ކިތަންމެ ބޮޑު އަނިޔާއެއް ދިން ކަމުގައިވީ ނަމަވެސް އެ އަނިޔާ ތަހަންމަލް ކުރެވިދާނެ ކަމަށް، އިސްލާހަށް ފެށި މަސައްކަތަށް ހުއްޓުމެއް ގެނެސްގެން ނުވާނެ ކަމަށް ފާރިސް ވިދާޅުވަނީ، ފާރިސް ގެ އެދުމަކީ ރައްޔިތުންވެސް އިސްލާހަށް މިކުރާ މަސައްކަތް ކުރިއަށް ގެންދިއުން، އެއްގޮތަކަށް ފަހަތަށް ޖެހިގެން ނުވާނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވަނީ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށާއި ފާރިސް ވަގުތުން ވަގުތައް ދޫކޮށްލުމަށް، ގޮވާލާފަ އެވެ. އަދި އިސްލާހީ މަސައްކަތައް ފުރުސަތު ދިނުމަށްވެސް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.