ވިޔަފާރި

މި އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު ހަތް ޕަސެންޓް އިތުރުވާނެ

  • މިދިޔަ އަހަރު 1.28 މިލިއަން
  • 2015 ވަނަ އަހަރު 1.23 މިލިއަން
  • މި އަހަރު 1.35 މިލިއަން

މި އަހަރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު، ހަތް ޕަސެންޓް އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު "އަވަސް" އަށް ވިދާޅުވި ގޮތުގައި މި އަހަރު ނިމޭއިރު، 1.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. އަދި މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ހަތް ޕަސެންޓުގެ އިތުރުވުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އަހަރު މިދިޔަ އަހަރާ އަޅާބަލާއިރު 95،000 މީހުން އިތުރުވާނެ ކަމަށް ބެލެވޭ،" ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު 1,286,135 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު ޒިޔާރަތް ކުރީ 1,234,248 މީހުންނެވެ. މި އަހަރު 1،375،000 މީހުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ޓޫރިސްޓުން އިތުރު ކުރުމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުރި ދަތިތައް ކަމަށެވެ. އަދި އެއާޕޯޓް ތަރައްގީވުމާ ހަމައަށް އަންނަނާނެ ކަމަށް ބެލެވެނީ 1.4 މިލިއަނާއި 1.5 މިލިއަން ޓޫރިސްޓުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ސަބްސްޓެންޝަލް އިންކްރީޒެއް ލިބޭނީ ވީއައިއޭގެ މަސައްކަތް ނިމުމުން. މިހާރު ވަރަށް އުނދަގޫކޮށް މިއޮތީ. މިސާލަކަށް ހެނދުނަށް ބަލާނަމަ ރަންވޭމަތި އެއްކޮށް ފުރިފައި އޮންނާނީ. ޓެކްސީވޭ ވެސް. ޗައިނާ ތަންތަނުން ގިނަ ފްލައިޓްތައް އަންނަން ބޭނުންވަނީ ރޭގަނޑު 10 ޖަހާ އެހާއިރު. ޔޫރަޕުން އަންނަނީ ހެނދުނު. މިދެ ގަޑިވެސް އޮންނަނީ ވަރަށް ކޮންޖެސްޓްކޮށް. އަނެއްކާ ބޯޓެއް ޖައްސާފަ ޓެކްސީވޭއަށްދާން އެބަނަގާ 20 މިނެޓް. ނަމަވެސް ވީއައިއޭ ނިމުނީމަ 10 މިނެޓު އަވަސްވާނެ. އެހެންވީމަ، އެރައިވަލް އިތުރު ނުކުރެވޭނީ،" ޒަމީރު ވިދާޅުވި އެވެ.

ސަބްސްޓެންޝަލް އިންކްރީޒެއް އަންނާނީ ވީއައިއޭގެ މަސައްކަތް ނިމުމުން. މިހާރު ވަރަށް އުނދަގޫކޮށް މި އޮތީ. މިސާލަކަށް ހެނދުނު ރަންވޭމަތި އެއްކޮށް ފުރިފައި އޮންނާނީ. ޓެކްސީވޭ ވެސް. ޗައިނާ ތަންތަނުން ފްލައިޓްތައް އަންނަން ބޭނުންވަނީ ރޭގަނޑު 10 ޖަހާ އެހާއިރު. ޔޫރަޕުން އަންނަނީ ހެނދުނު. މި ދެ ގަޑި ވެސް އޮންނަނީ ވަރަށް ފުލްކޮށް
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު

މިނިސްޓަރު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދެ އަހަރު 20 ރިސޯޓު އަލަށް ހުޅުވިފައިވާއިރު، މި ދައުރުގައި ޖުމްލަ 50 ރިސޯޓެއް ހުޅުވާނެ ކަމަށެވެ. އަދި ވީއައިއޭގެ މަސައްކަތް ނިމެންވާއިރަށް ރިސޯޓުތައް ހުޅުވުން މުހިންމުކަން ބޮޑު ކަމަށެވެ.

ރާއްޖެ އަށް އެނދު ވިއްކާ ޓްރެވަލް އެޖެންސީ ތަކުން ބުނި ގޮތުގައި މިހާރު ރާއްޖޭގެ ރިސޯޓުތަކުގެ އެވްރެޖު އޮކިއުޕެންސީ ހުރީ 75-90 ޕަސެންޓާއި ދެމެދުގަ އެވެ. އަދި ގިނަ ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ހުރީ 85-95 ޕަސެންޓުގަ އެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް ކުރިއަށް ގެންދާއިރު، މިތަން ތަރައްގީ ކުރަނީ ހަތް މިލިއަން ޓޫރިސްޓުން ގެނައުމަށް ޓާގެޓް ކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އާ ރަންވޭ އަކާއި ޕެސެންޖަރު ޓާމިނަލެއް އަދި ތެޔޮ ރައްކާ ކުރާނެ ވަސީލަތްތަކެއް ގާއިމް ކުރާނެ އެވެ.