ހަބަރު

ހަކަތައިގެ ދާއިރާއިން އިންގިލާބީ ބަދަލެއް ގެނެވިއްޖެ: ތޯރިގް

ރާާއްޖޭގެ ހަކަތައިގެ ދާއިރާއަށް މީގެ ކުރިން ނުގެންނަވަރުގެ ބޮޑު އިންގިލާބީ ބަދަލެއް މި ސަރުކާރުން ގެނެސްފައިވާ ކަމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017 އިފްތިތާހު ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، އެނަޖީ ސެކްޓަރު ކުރިއަރުވަން ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުން ގެންދާ ކަމަށާއި ކާމިޔާބީތައް ދައްކަމުންދާ ކަމަށެވެ. އަދި އިޔާދަކުރަނިވި ހަކަތަ އާއި ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ރައީސް ޔާމީންގެ މެނިފެސްޓޯގައި ބުނެފައިވާ ވަރަށް ވުރެވެސް އިތުރަށް މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ސަރުކާރުން ރާާއްޖޭގެ ހަކަތައިގެ ދާއިރާއަށް ނުގެންނަވަރުގެ ބޮޑު އިންގިލާބީ ބަދަލެއް މިވަނީ ގެނެސްދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓް ހިދުމަތް ފޯރުކޮށްދިނުމުގެ ވެފައިވާ ވައުދު ފުއްދާ ދެވިފައިވާ ކަމަށާއި އޭގެ އިތުރަށް މިހާރު ކުރެވެމުންދާ މަސައްކަތަކީ ކަރަންޓް ފޯރުކޮށް ދިނުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތް ކަމަށެވެ.

"24 ގަޑިއިރު ކަރަންޓް ފޯރުކޮށްދެމުންދާއިރު ބައެއް ބޭފުޅުން ވިދާޅުވޭ 24 ގަޑިިއިރު ކަނަރަންޓް ނުލިބޭ ވާހަކަ، ބައެއް ފަހަރަށް މެއިންޓެނެންސް މަސައްކަތް ކުރަން ކަރަންޓް ކަނޑާލަން ޖެހޭ، އޭގެ މާނައަކީ 24 ގަޑިއިރު ކަރަންްޓް ޔަގީން ނުވުމެއް ނޫން، މި ސަރުކާރު ހަވާލުވި އިރު ބައެއް ރަށްރަށް އެބަހުރި އަށް ގަޑިއިރު ދުވާލަކު ކަރަންޓް ދޭ ރަށްރަށްވެސް، އެގޮތަކަށް ދާއިމީކޮށް ކަރަންޓް ދޭ ރަށެއް މިހާރު ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުުވީ، ހަކަތައިގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންދާ ކަމަށާއި މިހާރު ކުރެވެމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ ހަކަތައިގެ ރޯޑް މެޕެއް އެކުލަވާލުން ކަމަށެވެ. އަދި ވިދާޅުވީ، ހަކަތައިގެ ގާނޫނީ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަންނަ އަހަރު ތެރޭގައި އެމަސައްކަތް ވެސް ނިމިގެންދާނެ ކަމަށެވެ.