ހަބަރު

އެންސީއޭގެ ކޯޑިނޭޓަރު ކަމުން މުއާޒު އިސްތިއުފާދީފި

ނޭޝަނަލް ސެންޓަ ފޯދި އާޓްސް (އެންސީއޭ) ގެ އެގްޒެކެޓިވްގެ މަގާމުން މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) މިއަދު އިސްތިއުފާދީފި އެވެ.

މުއާ ފޭސްބުކް ޖެހި ސްޓޭޓެސްއެއްގައި ވިދާޅުވީ، މިއަދުން ފެށިގެން އެންސީއޭގެ އެގްޒެކެޓިވްގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ. ނަމަވެސް އޭނާ އިސްތިއުފާ ދީފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް ހާމަ ކޮށްފައެއް ނުވެ އެވެ. މުއާޒު ފޯނަށް ޖަވާބެއް ނުދެއްވާތީ އޭނާ އިސްތިއުފާ ދިން ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

މުއާ ވަނީ މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ އަށް ފޯނުން ގުޅައި ބިރު ދެއްކި މައްސަލައަކާ ގުޅިގެން އެންސީއޭގެ ކޯޑިނޭޓަރުކަމުގެ މަގާމުން ވަކިކޮށްފަ އެވެ.

އޭނާ ވަނީ މީގެ ކުރިން ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުވެސް އަދާކޮށްފަ އެވެ.