ހަބަރު

މީހުން ޓްރެފިކް ކުރުން ހުއްޓުވާ ގާނޫނު ތަންފީޒުކުރަން ޖެހޭ: އެޗްއާރްސީއެމް

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އިންޓަރނޭޝަނަލް މައިގްރަންޓްސް ޑޭއާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީ މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނަގައި، ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ބިދޭސީ މަސައްކަތްތެރިން ހަދާ ފަރާތްތަކަށް ހައްގު އަދަބުދޭން ޖެހޭ ކަމަށެވެ. އަދި މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން އެންމެ ފުރިހަމަ މާނައިގައި ތަންފީޒުކުރަން ޖެހޭ ކަމަށް ބަޔާނުގައި ވެއެވެ.

އެޗްއާރްސީއެމުން ބުނީ، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގެއްލިފައިވާކަމަށް ބުނެ، މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި، ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓާއި އެހެނިހެން ޒާތީ ލިޔެކިއުންތައް މަސައްކަތްކުރުވާ ފަރާތުން ހިފެހެއްޓުމާއި މުސާރަ ނުދީ މަސައްކަތް ކުރުވުމާއި ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުން ހިމެނޭ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ފުރައްސާރަ ކުރުމާއި ހިއުމަން ޓްރެފިކިންގެ މައްސަލަތައް ހިމެނޭ ކަމަށް ބަޔާނުގައި ވެއެވެ.

"...މަސައްކަތުގެ މާހައުލުގައި ބިދޭސީ މަސައްކަތްތެރިންނާ މެދު ތަފާތުކުރުން ގެންގުޅުމުގެ މައްސަލަތަކާއި ޝަރީއަތުގެ މަރުހަލާގައި ތަރުޖަމާނުން ނުލިބުމުގެ މައްސަލަތަކާއި ޝަރީއަތް ލަސްވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނެ،" ބަޔާނުގައި ވެއެވެ.

އެޗްއާރްސީއެމުން ބުނީ، ގާނޫނުއަސާސީ އާއި ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނަށް ވެސް ލިބޭ އެންމެހާ ހައްގުތައް އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށް ދިނުމަށާއި އެހައްގުތައް ފޯރުކޮށް ދިނުމުގައި އިހްމާލުވާ ފަރާތްތަކަށް ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންނަކީވެސް އިންސާނުންކަމަށާއި އެފަރާތްތަކާ މުއާމަލާތްކުރުމުގައި ގަދަރުވެރިކަމާއި އިހްތިރާމާއެކު އަމަލު ކުރުމަށް ގޮވާލާފައި ވެއެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބިދޭސީ މަސައްކަތްތެރިން އަހުލުވެރިކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ވަޒީފާ ދޭ ފަރާތްތަކުންކުރާ މަސައްކަތް މިހާރަށްވުރެ ފުޅާ ކުރުމަށްވެސް އެޗްއާރްސީއެމުން ގޮވާލާފައި ވެއެވެ.