ދުނިޔެ

ގައްޒާފީގެ ދަރިކަލުން ލީބިޔާގެ ރައީސްކަމަށް ވާދަކުރައްވަނީ

Dec 18, 2017

އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ރައީސް މުއައްމަރަލް ގައްޒާފީގެ ދަރިކަލުން، ސައިފް އަލް އިސްލާމް ގައްޒާފީ އެ ގައުމުގެ ރައީސްކަމަށް ވާދަ ކުރަން ނިންމަވައިފި އެވެ.

ގައްޒާފީގެ ވެރިކަމަށްފަހު ސުންނާފަތިވެ ހަނގުރާމަވެރިންގެ އަށްދަށުވެފައިވާ ލީބިޔާގައި ރިޔާސީ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. ގައްޒާފީގެ ދެވަނަ ދަރިކަލުން އަދި ބައްޕާފުޅުގެ ވެރިކަމުގެ ފަހު ދުވަސްވަރު ވެރިކަމުގެ ކަންކަން ހިންގެވުމުގައި އިސްކޮށް ހުންނެވި، ސައިފް އަލް އިސްލާމް ލީބިޔާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމުގެ ގޮތުން ގައްޒާފީގެ އާއިލާގެ ތަރުޖަމާން ބަސޭމް އަލްހާޝިމީ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ސައިފް އަލް އިސްލާމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ، އެ ގައުމުގެ ބޮޑެތި ގަބީލާތަކުގެ ފުރިހަމަ ތާއީދާ އެކު އެވެ.

ސައިފް އަލް އިސްލާމް ގައްޒާފީ އަކީ އޭނާގެ ބައްޕަގެ ވެރިކަމުގެ ދުވަސްވަރު ހާރިޖީ ގުޅުންތަކުގެ ދާއިރާގައި މަސައްކަތް ކުރެއްވި ސިޔާސީ ބޭފުޅެކެވެ. އަދި އެވެރިކަން ވެއްޓުނު ދާހިލީ ހަނގުރާމައިގެ ތެރޭގައި ގައުމުގެ ކަންކަން ހިންގުމާ ވެސް އޭނާ ދުވަސްކޮޅަކަށް ހަވާލުވެގެން އުޅުއްވި އެވެ. އަދި އޭނާގެ ބައްޕަގެ ވެރިކަން ނިމުމާ އެކު، ހަނގުރާމަވެރިންގެ ޖަމާއަތަކުން އޭނާ 2011 ވަނަ އަހަރު ހައްޔަރުކޮށް ޝަރީއަތް ހިންގާ މަރުގެ ހުކުމް އިއްވި އެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރު އޭނާއަށް މާފުދީ ވަނީ މިނިވަންކޮށްފަ އެވެ.

ގައްޒާފީގެ އާއިލާގެ ތަރުޖަމާން އަދި ވިދާޅުވެފައި ވަނީ، ސައިފް އަލް އިސްލާމް ރައީސްކަމަށް ކުރިމަތިލައްވާ މައިގަނޑު ސަބަބަކީ ބައިބައިވެފައިވާ ލީބިޔާގެ ރަށްތަކުގައި އަމާންކަން ގާއިމްކޮށް ގައުމުގެ ސަލާމަތްތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ބައިބައިވެފައިވާ ގަބީލާތަކާއި ހަނގުރާމަވެރި ޖަމާއަތްތައް އެއްގަލަކަށް އެރުވުމަކީ ވެސް އޭނާގެ ކެމްޕޭން ވައުދަކަށް ވާނެ ކަމަށް ވެސް ތަރުޖަމާން ވަނީ ވިދާޅުވެފަ އެވެ.

ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ނިކުތް ހަނގުރާމަވެރިން ނޭޓޯގެ އެހީތެރިކަމާ އެކު އެ ސަރުކާރު ވައްޓާލާ ގައްޒާފީ އަވަހާރަކޮށްލި ފަހުން އެގައުމުގައި ވަނީ ހަމަނުޖެހުން ބޮޑުވެފަ އެވެ. އަދި ހައްދު ފަހަނަ އެޅި ހަނގުރާމަވެރި ޖަމާއަތްތަކުގެ އަށް ދަށަށް އެ ގައުމުގެ ބައެއް ސަރަހައްދުތައް ގޮސްފައިވާ އިރު އެ ގައުމު އޮތީ ދާހިލީ ހަނގުރާމައެއްގެ ތެރޭގަ އެވެ. -- ރާޓީ