ހަބަރު

ވިލާ ކޮލެޖްގެ ސްކޮލާޝިޕް ތަކަށް ކުރިމަތިލާން ހުޅުވާލައިފި

ވިލާ ކޮލެޖްގެ އަންނަ އަހަރު ދޭން ނިންމާފައިވާ ސްކޮލާޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން ވަނީ ހަތަރު ދާއިރާ އަކުން ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ވިލާ ކޮލެޖް އޯޕަންގެ ދަށުން ފައުންޑޭޝަން ފެންވަރުގެ އެއް ސްކޮލާޝިޕާއި ޑިގްރީ ފެންވަރުގެ ސްކޮލާޝިޕަކާއި މާސްޓާސް ފެންވަރުގެ އެއް ސްކޮލާޝިޕް ހުޅުވާލާފައި ވެއެވެ.

ދެވަނަ ކެޓަގަަރީއަކީ ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ސްކޮލާޝިޕް އެވެ. މި ކެޓަގަރީގެ ދަށުން ކޮންމެ އަހަރަކުވެސް ވީއައިއެޗްއެސް އިން އޭލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް ވިލާ ކޮލެޖްގެ ޑިގްރީ ހެދުމުގެ ދެ ފުރުސަތު ހުޅުވާލާފައި ވެއެވެ. އެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އޭލެވެލް އިން އެންމެ މަތީ ފާސް ހޯދާ ދަރިވަރަކަށެވެ.

ވިލާ ކޮލެޖް އެލަމްނައި ސްކޮލާޝިޕްގެ ދަށުން ވިލާ ކޮލެޖުން ކިޔަވާ ނިންމާފައިވާ ދަރިވަރުންނަށް މާސްޓާސް ފެންވަރުގެ އެއް ސްކޮލާޝިޕާއި ޑިގްރީ ފެންވަރުގެ އެއް ސްކޮލާޝިޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދާއިރާއިން ކުރިމަތި ލެވޭނީ އެންމެ މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށާއި ވިލާ ކޮލެޖްގެ މުސްކުޅި ދަރިވަރުންނަށެވެ.

މީގެ އިތުރުން ވިލާ ކޮލެޖް ކޮމިއުނިޓީ އެންގޭޖްމެންޓް އަކީ ވިލާ ކޮލެޖްގެ ބޮޑެތި ކެމްޕަސްތަކުން ހުރިހާ ދާއިރާތަކަށް އަމާޒުކޮށްގެން އެ ކެމްޕަސްތަކުގަައި ކިޔަވާ ދަރިވަރުންނަށް ދޭ ސްކޮލާޝިޕެކެވެ.

ސްކޮލާޝިޕްތައް ތައާރަފް ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ، ޖުމްލަ 10 ސްކޮލާޝިޕްގެ ފުރުސަތު ކޮންމެ އަހަރަކުވެސް ހުޅުވާލާ ކަމަށާއި އެގޮތުން ހަތަރު ކެޓަގަރީ އިން މަދުވެގެން 10 ކުދިންނަށް ކިޔެވުމުގެ ފުރުސަތު ދޭ ކަމަށެވެ.

މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހެވެ. ވިލާ ކޮލެޖް ސްކޮލާޝިޕް ސްކީމަކީ 2016 ވަނަ އަހަރުން ފެށިގެން އެ ކޮލެޖުގައި ހިލޭ މަތީ ތައުލީމު ހާސިލް ކުރުމަށް ކޮންމެ އަހަރެއްގެ ޖެނުއަރީ އިންޓޭކަށް އަމާޒުކޮށް ހުޅުވާލަމުންދާ ސްކޮލާސިޕް ތަކެކެވެ.

މީގެ އިތުރުން ވިލާ ކޮލެޖްގެ ޖެނުއަރީ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން މިހާރު ވަނީ މިމަހު 24 އަށް އެ މުއްދަތު އިތުރުކޮށްފަ އެވެ.