ވިޔަފާރި

ރާއްޖޭގެ އެކްސްޕޯޓަށް ހީނުކުރާވަރުގެ ކުރިއެރުމެއް

Dec 19, 2017
1
  • ބޭރުކުރި މުދަލުގެ އަދަދު 99 ޕަސެންޓަށް އިތުރު
  • ރާއްޖޭގެ މަސް ގިނައިން ބޭރުކުރީ ތައިލެންޑް، ޔޫކޭއަށް
  • ބޭރުކުރި މުދަލުގެ އަގު 386 މިލިއަންގައި

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މުދާ، އެކްސްޕޯޓް 99 ޕަސެންޓް މައްޗަށް ޖެހިފައިވާ ކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ރާއްޖެއިން 2016 ވަނަ އަހަރު ބޭރުކޮށްފައި ވަނީ 194 މިލިއަން ރުފިޔާގެ މުދަލެވެ. އެހެން ނަމަވެސް މިދިޔަ މަހު ވަނީ 386 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފަ އެވެ. އެއީ 99 ޕަސެންޓްގެ އިތުރުވުމެކެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކޮށްފައި ވަނީ މަހުގެ ބާވަތްތަކެވެ.

އެގޮތުން އެންމެ ގިނައިން ރާއްޖެއިން ބޭރުކޮށްފައި ވަނީ ފިނިކުރި ކަޅުބިލަ މަހެވެ. ރާއްޖެއިން ބޭރުކުރި މުދަލުގެ 35 ޕަސެންޓް ކަޅުބިލަ މަސް ހިމެނޭ އިރު، ބޭރުކުރި މަހުގެ އަދަދު 97.8 މިލިއަން ރުފިޔާއަށް އަރަ އެވެ. ދެން އެންމެ ގިނައިން ރާއްޖެއިން ބޭރުކުރި ފިނިކުރި ބޮޑު ކަންނެލީގެ އަގު 65.7 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ ޖުމްލަ އެކްސްޕޯޓްގެ 23 ޕަސެންޓެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ރާއްޖެއިން ބޭރު ކުރީ މަހުން ތައްޔާރުކޮށްފައި ހުންނަ ކާނާގެ ބާވަތްތަކެވެ. ރާއްޖެއިން މިދިޔަ މަހު ބޭރު ކުރި އެ ބާވަތުގެ މުދަލުގެ އަގު 61.9 މިލިއަން ރުފިޔާއަށް އަރަ އެވެ.

މި ބާވަތްތައް ރާއްޖެއިން އެންމެ ގިނައިން ބޭރުކުރީ ތައިލެންޑަށެވެ. އެގޮތުން 36 ޕަސެންޓް މުދާ ގެންދިޔައީ އެ ގައުމަށެވެ. އަދި ޖުމްލަ އެކްސްޕޯޓްގެ 10 ޕަސެންޓް މުދާ އެކްސްޕޯޓްކޮށްފައިވަނީ ފަރަންސޭސިވިލާތް، އެމެރިކާ އަދި އިނގިރޭސިވިލާތަށެވެ.

ނޮވެމްބަރުމަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ އަގު 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު ފަސް ޕަސެންޓް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ ގެނައިރު، މިއަހަރުގެ ނޮވެމްބަރުމަހު މިއަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 23 ޕަސެންޓް މުދާ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރުން 13 ޕަސެންޓް އިންޑިއާއިން 13 ޕަސެންޓް އަދި ޗައިނާ އާއި މެލޭޝިޔާއިން ވަނީ އަށް ޕަސެންޓް މުދާ ރާއްޖެ އެތެރެކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ މެޝިނަރީ އާއި ކާބޯތަކެއްޗާއި ތެލުގެ ބާވަތްތަކެވެ. މެޝިނަރީގެ ގޮތުގައި އެތެރެ ކުރި މުދަލުގެ އަގު 639.7 މިލިއަން ރުފިޔާއަށް އަރާއިރު، ކާބޯތަކެތީގެ ގޮތުގައި 569 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އަދި 442.2 މިލިއަން ރުފިޔާގެ ތެޔޮ މިދިޔަ މަހު އެކަނި ރާއްޖެ އެތެރެކޮށްފައިވެ އެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިދިޔަ މަހު ދެ ޕަސެންތް ދަށްވެފައެވެ. މިއަހަރު ނޮވެމްބަރުމަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 246 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ނޮވެމްބަރުމަަހު ލިބިފައިވަނީ 252 މިލިއަން ރުފިޔާ އެވެ.