ދުނިޔެ

ފަގީރު ގުއާޓެމާލާގެ އެމްބަސީ ވެސް ގުދުސަށް

އެމެރިކާގެ އެހީއަށް ވަަރަށް ބޮޑަށް ބަރޯސާ ކުރާ މެދުތެރޭ އެމެރިކާގެ ފަގީރު ގައުމެއް ކަމަށްވާ ގުއާޓެމާލާއިން ވެސް އިޒްރޭލުގައިވާ އެ ގައުމުގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމައިފި އެވެ.

ގުއާޓެމާލާގެ ރައީސް ޖިމީ މޯރާލްސް ހޮނިހިރު ދުވަހު ސޯޝަލް މީޑިއާ ފޭސްބުކްގައި ވިދާޅުވީ އެމްބަސީ ގުދުސަށް ބަދަލު ކުރަން އަމުރު ކުރައްވާފައިވާ ކަަމަށެވެ. އެގޮތަށް ނިންމީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަފުޅު ދެއްކެވުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ގުދުސަކީ އެގައުމުގެ ވެރިރަށް ކަމަށް އެމެރިކާއިން ވަނީ މިދިޔަ ނޮވެމްބަރުމަހު ބަލައިގަނެފައެވެ. އަދި އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން އެ ގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަނީ އަމުރުކުރައްވާފަ އެވެ. އެކަމާ ދެކޮޅަށް އަރަބި ގައުމުތަކުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް އެމެރިކާ ނޫން ހުރިހާ ގައުމަކުން ތާއީދު ކުރި ނަމަވެސް އެމެރިކާއަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރުގެ ބޭނުން ކޮށްްގެން އެގަރާރު ވަނީ ހުއްޓުވާފަ އެވެ.

ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ބޭރުކޮށްލުމުން ފަލަސްތީނަށް ތާއީދުކުރާ ގައުމުތަކުން ދެން ގަރާރު ހުށަހެޅީ އދ. ގެ އާއްމު މަޖިލީހަށެވެ. ގުދުސާމެދު އަމިއްލަ އަމިއްލައަށް އެސް ވެސް ގައުމަކުން ގޮތެއް ނިންމާ ނަމަ އެ ނިންމުން ބާތިލުވާނެ ކަމަށް ބުނެ ހުށަހެޅި އެ ގަރާރު އާއްމު މަޖިލީހުން ފާސްކުރީ 128 ވޯޓުންނެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ އިޒްރޭލާއި އެމެރިކާގެ އިތުރުން ގުއާޓެމާލާއާއި ޕެސިފިކް ކަނޑުގައިވާ ބައެއް ކުދި ޖަޒީރާ ގައުމުތައް ހިމެނޭ ގޮތުން ޖުމްލަ ނުވަ ގައުމަކުންނެވެ.

ގުުދުސުއް ޝަރީފަކީ ފަލަސްތީނުގެ އަރަބީންގެ ބިމެއްކަން ތާރީހުން ވެސް އެނގެއެވެ. އިޒްރޭލުން މުޅި ގުދުސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީ 1967 ވަނަ އަހަރު އަރަބީންނާ ދެކޮޅަށް ކުރި ހަނގުރާމައިގައެވެ. އިޒްރޭލަކީ ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު އުފައްދާފައިވާ ގައުމެކެވެ. އެކަމުގައި އިސްދައުރެއް އަދާކުރީ އިނގިރޭސިވިލާތާއި އެމެރިކާއިންނެވެ.