ދުނިޔެ

އިރުމަތީ ރަފާހް ވަގުތުން ހުސްކުރަން އިޒުރޭލުން އަންގައިފި

އިރުމަތީ ރަފާހްގައި ދިރިއުޅޭ ފަލަސްތީން މީހުން އެ ސަރަހައްދު ދޫކޮށް ވަގުތުން ފޭބުމަށް އިޒުރޭލުގެ އަސްކަރިއްޔާއިން އަންގައިފި އެވެ.

ރަފާހް ހުސްކުރަން އިޒުރޭލުގެ އަސްކަރިއްޔާއިން އަންގަމުން ދަނީ ވައިގެ ތެރެއަށް ކަރުދާސްތައް އަޅާލައި ދޭ އިންޒާރެއް ގޮތުގައެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ރަފާހްގައި މިހާރު ތިބި ގިނަ މީހުންނަކީ ގެދޮރު ގެއްލުމުގެ ސަބަބުން ދާނެ ވަކި ތަނެއް ނެތް މީހުންނެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން މިހާރު ދެމުންދާ އިންޒާރާ ގުޅިގެން ވެސް އެ މީހުން ދާނެ ވަކި ތަނެއް ނެތެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން ދެމުންދާ އިންޒާރުގައި ރަފާހް މިއަދު ހުސްކުރަން ޖެހޭނެ އެވެ. އެ އަވަށުގައި ތިބި މީހުން ވަގުތީ ގޮތުން އަލްމަވާސީއަށް ބަދަލުވާންވެސް ޔަހޫދީ އަސްކަރިއްޔާއިން ވަނީ އަންގާފަ އެވެ. އަލްމަވާސީ އަކީ ޣައްޒާގެ ދެކުނުގައި އޮނަން ވަކި އަވަށެކެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުން ރަފާހް އިން ފައިބައިގެންދާ މީހުންނަށް މަވާސީގައި ތިބެވޭނެ ގޮތް ވަނީ އިންތިޒާމުކޮށްފަ އެވެ. އެ ތަނުގައި ޓެންޓްތަކާއި ސިއްހީ ފަރުވާދޭނެ މަރުކަޒުތައް ހުންނާނެ ކަމަށްވެސް ޒަޔަނިސްޓުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ ވިސްނުމަކީ މިއަދުން މިއަދަށް ރަފާހްއަށް ވަދެގަތުމެވެ.

ހަމާސް ބަލިކުރުމަށްޓަކައި ރަފާހްއަށް އަރައިގަތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ކިތަންމެ ފަހަރަކު ވިދާޅުވެފަ އެވެ.

ރަފާހްއިން މީހުން ހުސްކުރަން ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކަށް އެއްބާރުލުން ދޭނެ ކަމަށްވެސް އިޒުރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ. އެ އަވަށުން ނުކުންނަން ބޭނުންވާ އާންމުންނަށްވެސް އެހިތެރިކަން ދޭނެ ކަމަށް ޔަހޫދީން ބުނެ އެވެ.

އިޒުރޭލުން ރަފާހްއަށް ވަދެގަތުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އދ އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ގެންދަނީ ބުނަމުންނެވެ.

ރަފާހްއަށް ވަނުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެމެރިކާ އިންވެސް ވަނީ ބުނެފަ އެވެ.

އިޒުރޭލުން ރަފާހްއަށް ވަދެގަންނައިރު މުޅި ދުނިޔެ އޮތީ އިޒުރޭލުގެ ބޯހަރުކަމާ ހެދި ކަންބޮޑުވެފަ އެވެ.