ކުޅިވަރު

އަތޮޅުތަކުގެ ޓީމުތަކާއެކު ލީގް ވާދަވެރި ކުރާނަން

Dec 25, 2017

ނިމިދިޔަ ސީޒަންގައި ގިނަ ބަޔަކު ކަން ބޮޑުވުން ފާޅު ކުރި އެއް މައްސަލައަކީ ދިވެހި ޕްރިމިއާ ލީގްގެ ވާދަވެރިކަން ކުޑަ ވުމެވެ. މާލޭ ލީގަށް ވުރެ ދިވެހި ޕްރިމިއާ ލީގްގެ ވާދަވެރިކަމާއި ފޯރި ކުޑަކަމަށް ބައެއް ކޯޗުން ވާހަކަ ދެއްކި އެވެ. މި އަހަރު ލީގް އޮތް ގޮތުން ޓީމުގެ ފުލަށްދާ ޓީމުވެސް ރެލިގޭޓް ނުވާތީ ވާދަވެރިކަން ކުޑަ ކަމަށް މާޒިޔާގެ ކުރީގެ ކޯޗް މަރުޔާން ސެކްލޮސްކީ ފާހަގަ ކުރި އެވެ.

'އަވަސް' އަށް ދިން އިންޓަވިއުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަތޮޅުތަކުގެ ތެރޭގެ ޓީމުތަކަށް، ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނެތް ގޮތަކަށް އަންނަ އަހަރު ފުޓްބޯޅަ ކަލަންޑަރަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޕްރިމިއާ ލީގް ކަމަށްވާނަމަ އަތޮޅުތެރޭގެ ޓީމުތަކަށް ބައިވެރި ވެވެންޖެހޭ، ބައިވެރި ވެގެން ވަރުގަދަ މުބާރާތެއްގެ ގޮތުގައި ކުރިއަށް ދާން ޖެހޭނީ،" އިންޓަވިއުގައި ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ބޮޑު ބަދަލެއް އަންނާނީ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ކަމަށެވެ. އަންނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވޭނީ ރަޖިސްޓްރީ ކުރާ ޓީމުތަކަކަށް ކަމަށް ބައްސާމް ވިދާޅުވި އެވެ.

ދިވެހި ޕްރިމިއާ ލީގްގައި، ދ. ކުޑަހުވަދޫ ޓީމު ގޮވައިގެން ނިކުތް ތަޖުރިބާކާރު ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ގެ ވިސްނުމަކީ ފުރަތަމަ ކުދި ކުދި މުބާރާތްތަކުން އަތޮޅު ތެރޭގެ ޓީމުތަކަށް ފުރުސަތު ހޯދައިދިނުމެވެ.

"މާޒިޔާ ކަހަލަ ނިއުރޭޑިއަންޓް ކަހަލަ އަދި ފުރަތަމަ ޑިވިޝަންގައި މިއޮތް ހަތަރު ޓީމަކީވެސް ހަމަ ވަރަށް ވަރުގަދަ ހަތަރު ޓީމު، މިއީކީ އަދި [ރަށް ރަށުން އަންނަ ޓީމުތަކަށް] ކުޅެވޭނެ ފެންވަރު ކަމަށް އަޅުގަނޑު ގަބޫލެއް ނުކުަރަން، މިއަށްވުރެ މާ ގިނަ ދުވަސް ނަގަން އެބަޖެހޭ މިކަމަށް." އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ވެސް ކޮށްފައިވާ މޯހަން ބުނެފައި ވެއެވެ.

"އަޅުގަނޑަށް ހީވަނީ ފުރަތަމަ ޑިވިޝަން ޓީމު ތަކާއެކު ކުދި ކުދި މުބާރާތްތައް ކުޅުވައިގެން ހެން މިކަހަލަ ބޮޑު ލީގަކަށް ގެންނަންވީ އެހެން ނޫނިއްޔާ މިއީ ހިފަހައްޓާ ލެވޭ ވަރު ކަމަކަށް ނުވާނެ ހާއްސަކޮށް ދިގު ދެމިގެން ހަތަރު މަހަށް ދާއިރު، ލީގްގެ ފަހު ކޮޅަށް ދާއިރު ވަރަށް ބޮޑު ތަކުލީފް ތަކާއި ދަތިތަކާ ކުރިމަތި ލާން ޖެހޭނެ."

ބައްސާމްގެ ވިސްނުމަކީ އަތޮޅު ތެރޭގެ ޓީމުތައް ބާއްވައިގެން ލީގް ފޯރިގަދަ މުބާރާތަކަށް ހެދުމެވެ. އޭނާ ވިދާޅުވީ ފޯރި ގަދަ ކުރުމަށްޓަކައި އަހަރުން އަހަރަށް ލީގަށް ބަދަލު ގެނެވޭނެ ކަމަށެވެ. އަދި ދިވެހި ޕްރިމިއާ ލީގްގެ ފުލަށް ދާ ދެ ޓީމާ މެދު އަމަލު ކުރާނީ ކިހިނެއްތޯ މަޝްވަރާތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ބަލަންވީ ފުލަށް ދާ ދެ ޓީމު ނުވަތަ ޓީމުތަކާ މެދު އަމަލު ކުރަންވީ ކިހިނެއްތޯ، މިހާރު އެކަން ޑިސްކަޝަންތަކުގެ ތެރޭގައި ދަނީ،" ބައްސާމް ވިދާޅުވި އެވެ. "ޓެކްނިކަލް ބޭފުޅުން އެ މަސައްކަތް އެބަ ކުރައްވާ އެއަށް ހެދޭނީ ކިހިނެތްތޯ، މި އަހަރުގެ ގަދަ ހަތަރެއް ޕްރިމިއާ ލީގަށް ބާއްވާނީތޯ، އެކަހަލަ މަޝްވަރާތަކެއް ކުރިއަށް މިދަނީ، އަޅުގަނޑަށް ހީވަނީ ޑިސެމްބަރު މަސްތެރޭގައި މިކަމުގެވެސް ފައިނަލް އެއްޗެއް އަޅުގަނޑުމެންނަށް ނެރެވިގެންދާނެ ހެން.

"އަޅުގަނޑުމެންވެސް ބޭނުންވަނީ ވާދަ ވެރި ރޫހެއްގައި، އެންމެ ފަހު މެޗާ ހަމަޔަށްވެސް ވާދަވެރިކޮށް، ކުރިއަށްދާން، އެހެންނަމަވެސް، މިއީ އަޅުގަނޑުމެން އަލަށް މިފަހަރު ފެއްޓި ކަމެއް، ޕްރިމިއާ ލީގްގައި އަތޮޅުތެރޭގެ ހަތަރު ޓީމު ބައިވެރި ކުރުވުން، އެއް މުބާރާތް ނިމުނީމަ ދެން އަޅުގަނޑުމެންނަށް އެނގޭނީ ދެން މިއަށް ގެންނަން ޖެހޭނީ ކޮން ބަދަލުތަކެއްތޯ، މިކަހަލަ ލީގް ތަކަކީ ފޯރިގަދަ ކުރުމަށްޓަކައި އެއް އަހަރުން އަނެއް އަހަރަށް ބަދަލުތައް ގެނެވޭނެ ކަންކަން."