ވިޔަފާރި

ސީޒަނަށް އެއާޕޯޓް ފުރި، ކިޔޫ ދިގުވެފައި

ޔޫރަޕަށް ފިނި ގަދަ ދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ މައި ސީޒަނެވެ. އެ ދުވަސްވަރަކީ މިއީ އެވެ. މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފެންނަނީ އެ މަންޒަރެވެ. ރާއްޖެ އަންނަ މީހުންނާއެކު މައި އެއާޕޯޓު އޮތީ ގާތްގަނޑަކަށް ތޮއްޖެހިފަ އެވެ. ކިޔޫތައް ދިގުވެފަ އެވެ.

"މިއީ އަދި މީހުން ގިނަވުމެއް ނޫން. ކުރި އަށް އޮތް ތަނުގައި މާގިނަވާނެ. ކުރިއަށް ހުރި ބުކިންތަކަށް ބަލާއިރު ފެންނަނީ ވަރަށް ރަނގަޅަށް،" ރާއްޖޭގެ މަޝްހޫރު ރިސޯޓަކަށް އަންނަ ޓޫރިސްޓުން ގެންނަ ގައިޑަކު ވީއައިއޭގައި ހުރެ ވާހަކަ ދައްކަމުން އިއްޔެ ބުންޏެވެ.

ވީއައިއޭ އަށް މީހުން އަންނަ ގިމަތަ ކައިރީގައި ހުރެ ވާހަކަ ދެއްކި އެހެން ގައިޑަކު ބުނި ގޮތުގައި މި އަހަރު މިދިޔަ އަހަރަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަކަން ފާހަގަ ކުރެވެ އެވެ.

"ވަރަށް ބާރު ބޮޑު މިހާރު މުޅި އެއާޕޯޓު ވެސް. އެންމެ ގިނަ އިން ފްލައިޓް ޖައްސާ ދުވަސްތަކުގައި އެރައިވަލް ތެރޭގައި މަޑު ކޮށްލުމަކީ މިހާރު ވަރަށް ބޮޑު ދައްޗެއް،" ގައިޑެއް ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1.2 މިލިއަން މީހުންނެވެ. ނަމަވެސް މި އަހަރުގެ ނިޔަލަށް 1.3 މިލިއަން މީހުން އަންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ޓޫރިޒަމް ސީޒަނަށް އެއާޕޯޓަށް ބާރު ބޮޑުވިއިރު ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު މާކެޓު ކަމަށްވާ ޔޫރަޕުން ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ރަޝިޔާ އާއި އިނިގޭސިވިލާތް އަދި ފްރާންސުގެ އިތުރުން ޖަރުމަނުވިލާތް ހިމެނެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ޔޫރަޕުން 572,021 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 513,891 މީހުންނާ އަޅާ ބަލާއިރު 45.9 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ މަހު ޔޫރަޕުން އައި ޓޫރިސްޓުން ވަނީ ރާއްޖޭގެ ޓޫރިޒަމް 45.9 ޕަސެންޓް ހިއްސާކޮށްފަ އެވެ.

ސީޒަނަށް ޓޫރިސްޓުން އިތުރުވި ނަމަވެސް ވީއައިއޭއަށް ވަނީ ޖާގައިގެ ދަތިކަން ބޮޑުވެފަ އެވެ. ވީއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން ފަށާފައިވާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއު އަންނަ އަހަރު ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.