ކުޅިވަރު

އީގަލްސް އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

Dec 25, 2017
1

ޔޫތު ޗެމްޕިއަންޝިޕްގައި، މާޒިއާ އާއި ކުލަބު އީގަލްސް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ. މިއަދު މި ދެ ޓީމުގެ ތެރެއިން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބުނީހެވެ.

މެޗު އެއްވަރުމުން، ޕޮއިންޓްގެ ގޮތުން ދެ ޓީމުވެސް ހަމަހަމަ އެވެ. ނަމަވެސް ލަނޑުގެ ތަފާތުން މާޒިޔާއަށް ކުރި ލިބެ އެވެ. އެ ޓީމަށް ފައިދާ ތިން ލަނޑު އެބައޮތެވެ. ނަމަވެސް އީގަލްސް އަށް ލިބިފައި ވަނީ ފައިދާ އެންމެ ލަނޑެކެވެ. އެއީ ގދ. ތިނަދޫ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑެވެ. މާޒިޔާގެ ފުރަތަމަ މެޗުގައި، އެ ޓީމު ނިކުތީ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށެވެ. މާޒިޔާ މެޗު ކާމިޔާބު ކުރީ 3-0 ންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ޔޫތު ޓީމުގެ ކޯޗް އަހްމަދު ޝުޒެއިރު ބުނީ، މުބާރާތުގައި ކުޅޭނެ އެންމެ ޕްރެޝާ ބޮޑު މެޗަކީ މި މެޗު ކަމަށާއި މި ކަހަލަ މެޗެއްގައި ކުޅުންތެރިން ކުރި މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"ބުނާނީ އަހަރެމެން ރޭވި ގޮތަށް ހުރިހާ ކަމެއް ހިނގައްޖެޔޭ، ދެ މެޗު ދޭތެރޭ އެއްދުވަސް ދޫކޮށްފަ ކުޅުމަކީ ފަސޭހަ ކަމެއް ނޫން، އަނެއްކާ މިއީ އެންމެ ޕްރެޝާ މެޗު، އެހެންވީމަ ބުނާނީ ވަރަށް ރަނގަޅޭ ނަތީޖާއާ މެދުވެސް ހިތްހަމަޖެހެޔޭ، ކުޅުންތެރިން އެ ކުރި މަސައްކަތް އެއީ 100 ޕަސަންޓް [މާކުސް] ދޭން ޖެހޭ ކަމެއް، ޝުޒައިރު ބުންޏެވެ. "އެ ޓީމު [އީގަލްސް] ޕްރެކްޓިސް ކުރަމުން އަންނަތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެދާނެ، އަދި މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ވީމަ ޕޮއިންޓެއް ލިބުންވެސް މިއީ ވަރަށް ބޮޑު ހިތްވަރެއް."

އީގަލްސް ޔޫތު ޓީމުގެ ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުނީ މެޗު ރަނގަޅަށް ކުޅެވުނު ކަމަށާއި ދިމާވީ ލަނޑު ނުޖެހުމުގެ މައްސަލަ އެކަނި ކަމަށެވެ.

"ލަނޑު ނުޖެހުމުގެ މައްސަލަ މި ކުރިމަތިވީ، ކުރިއަށް ހުރި ޕްރެކްޓިސްތަކުގައި އެކަމަށް އިތުރަށްމަސައްކަތް ކުރާނަން، ދެން އިންނާނީ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް އިރާދަކުރެއްވިއްޔާ އެ މެޗު ކާމިޔާބު ކޮށް އަޅުގަނޑުމެން އެއް ކޮޅުން ފައިނަލު ކުޅޭނަން."

މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޔުނައިޓަޑް ވިކްޓަރީ އާއި ގދ. ތިނަދޫ އެވެ.