ހަބަރު

"ތަރައްގީ ބޭނުން ނަމަ އެމްޑީޕީއަށް ޖާގަ ދީގެން ނުވާނެ"

އެމްޑީޕީއަކީ ފެއިލްވެފައިވާ ޕާޓީ އެއް ކަމަށާއި ތަރައްގީ ބޭނުންވާ ތަނެއްގައި އެމްޑީޕީގެ ފިކުރަށް ޖާގަ ދީގެން ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ތުޅާދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އަބުދުއްރަހީމް ވިދާޅުވީ، އެމްޑީޕީގެ ފިކުރަކީ ރަށެއްގައި ގެންގުޅެން ހެޔޮވާވަރުގެ ފިކުރެއް ނޫން ކަމަށާއި މުސްލިމުން ދިރިއުޅޭ ތަނެއްގައި އެޕްޑީޕީގެ ފިކުރު ގެންގުޅެން ހެޔޮ ނުވާނެ ކަމަށެވެ. -- ތުޅާދޫ އަކީ އެމްޑީޕީގެ ތާއީދު ވަރަށް ބޮޑު ރަށކެވެ --

އޭނާ ވިދާޅުވީ އެކުވެރިކަމާއި އެއްބައިވަންތަ ކަން ބޭނުންވާ ތަނެއްގައި ޕީޕީއެމްގެ ފިކުރަަށް ޖާގަދޭން ޖެހޭ ކަމަށާއި ޕީޕީއެމަކީ ގައުމުގެ ތަރައްގީ އަށާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޕާޓީ އެއް ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީޕީ އަކީ ފެއިލް ވެފައިވާ ޕާޓީއެއް ކަމަށާއި އެ ފިކުރަކީ ހިނގާނެ ފިކުރެއް ނޫން ކަމަށާއި އެ ފިކުރަކަށް މި ރާއްޖޭގެ އެއްވެސް ތަނަކުން ޖާގައެއް ނުލިބޭނެ ކަމަށެވެ.

"އެމްޑީޕީގެ ފިކުރަކީ ރަށެއްގައި ގެންގުޅެން ހެޔޮވާވަރުގެ ފިކުރެއް ނޫން، މުސްލިމުން ދިރިއުޅޭ ތަނެއްގައި އެޕްޑީޕީގެ ފިކުރު ގެންގުޅެން ހެޔޮ ނުވާނެ، ތަރައްގީ ބޭނުންވާ ތަނެއްގައި އެމްޑީޕީގެ ފިކުރަށް ޖާގަ ދީގެން ނުވާނެ، އެކުވެރިކަން ބޭނުންވާ ތަނެއްގައި އެ ފިކުރު އައިސްގެން ނުވާނެ، އެކުވެރިކަމާއި އެއްބައިވަންތަ ކަން ބޭނުންވާ ތަނެއްގައި އެ ފިކުރު ފެތުރުނަ ދީގެން ނުވާނެ،" އަބުދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުންނަށް އަމާޒުކޮށް އަބުދުއްރަހީމް ވިދާޅުވީ، އެމްޑީޕީގެ މެންބަރުންނަކީ ވަކި ބައެއްގެ ބަހަށް ހެއްލިގެން ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ކުރާ ބަޔަކަށް ނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެންމެ އިސް ކަމެއް ދޭންވާނީ ގައުމާއި ރަށާއި ރައްޔިތުން އަދި އިސްލާމް ދީނަށް ކަމަށާއި އެއަށްވުރެ މަތީ ފިކުރެއް އޮވެގެން ނުވާނެ ކަމަށެވެ.

"ބ. އަތޮޅުގައި އެންމެ ބޮޑު ޖަގަހައެއް ހަދައި އެންމެ ގިނަ ހަރަކާތް ހިންގާ ރަށަކަސް ތުޅާދޫ ހަދާނަން، ބޭނުންވާ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް 75 އިންސައްތަ އަށްވުރެ ބޮޑުކޮށް ރައީސް ޔާމީންއަށް މި ރަށުން ވޯޓް ދެއްވާ، ތަރައްގީގެ މަގުގައި ކުރިއަށް ގެންދެވޭނެ ހަމައެކަނި ރައީސަކީ ޔާމީން، ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެންދިޔަ މަޝްރޫއު ތަކުން އެކަން ސާބިތުވާނެ،" އަބުދުއްރަހީމް ވިދާޅުވި އެވެ. "މި ސަރުކާރަކީ ވަކި ވިސްނުމަކަށް ނުބަލާ ތަރައްގީ ގެނެސްދޭ ރައީސް އެކޭ ބުނުމުން އިދިކޮޅުން ވަރަސް ޖޯކް ޖަހާ، ނަމަވެސް އެކަން މިރަށުގައި ތިބި އެމްޑީޕީގެ މީހުނަށް އިނގޭނެ،،"

އަބުދުއްރަހީމް އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ދުވހުގެ ތެރޭގައި 30 އަހަރު ނުވަތަ 40 އަހަރު ނުކުރެވުނު މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އަދި ވިދާޅުވީ، އެކަންކަން ވަނީ ރައްޔިތުންގެ ލޮލުން ދެކި ބަލައިގެންފައި ކަމަށާއި އެކަންކަން ވަނީ ހެޔޮހިތުން ގަބޫލު ކޮށްފައި ކަމަށެވެ. 2018 ކަމިޔާބު ކުރެވޭނެ ކަމާމެދު އެއްވެސް ސުވާލެއް ނޫފެދޭ ކަމަށް އަބުދުއްރަހީމް ވިދާޅުވި އެވެ.